Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ފުވައްމުލަކުގައި ވިޔަފާރިކުރާ ބިދޭސީން ހޯދަނީ

ފުވައްމުލަކު ސިޓީގެ މަންޒަރެއް މަތިން ނަގާފައި - ފޮޓޯ: ގޫގުލް

ޤަވާއިދާއި ހިލާފަށް އަމިއްލަ ވިޔަފާރި ކުރާ ބިދޭސީންގެ ސަބަބުން ފުވައްމުލަކުގެ ވިޔަފާރިތަކަށް ގެއްލުން ވަމުންދާތީ ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ވެފައިވާ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ފުވައްމުލަކު ކައުންސިލުން މިކަމާއި ގުޅިގެން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނާއި އަމިއްލަ ވިޔަފާރި ކުރާ ބިދޭސީން ގިނަ ވަމުން ދާތީވެ ފުވައްމުލަކު ކައުންސިލް އިދާރާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ބޯޓުތަކާއި ވިޔަފާރިތައް ޗެކް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އަމިއްލަ ވިޔަފާރިކުރާ ބިދޭސީންގެ ސަބަބުން ފުވައްމުލަކުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް އެކައުންސިލުގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިކަމުގެ ޝަކުވާ އެއިދާރާއަށް ހުށަހަޅަމުންދާ ކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ރާއްޖެ އެތެރެވެފައިވާ މަސައްކަތް ނޫން އެހެން މަސައްކަތް ކުރަމުންދާ ފަރާތްތައް ގިނަވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

ފުވައްމުލަކުގެ ވިޔަފާރިތަކާއި އަދި އެހެނިހެން ތަންތަން ބަލައި ފާސް ކުރުމަށް ނިންމާފައިވާއިރު، އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކުގެ ޤަވާއިދަށް އިސްލާހު ގެނެސް، ބިދޭސީ ވިޔަފާރިވެރިންނާއި މެދު ފިޔަވަޅު އެޅޭގޮތަށް ވަނީ އިސްހާލު ގެެނެސްފައެވެ. އަދި ދިވެއްސެއްގެ ނަންމަތީ ކުރަމުންދާ ވިޔަފާރިއެއްގެ އާމްދަނީ ބިދޭސީންނަށް ލިބެމުންދާ ކަން ފާހަގަކުރެވޭ ނަމަ އެކަމާއި ގުޅިގެންވެސް ފިޔަވަޅު އެޅޭގޮތަށް މިޤަވާއިދު ވަނީ އިސްލާހުކޮށްފައެވެ.