Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ރާއްޖޭގެ ސަގާފީ ސެންޓަރެއް ލަންކާގައި ހަދަނީ

ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ލަންކާގައި ޤާއިމް ކުރަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ސަޤާފީ ސެންޓަރެއް ލަންކާގައި ޤާއިމް ކުރުމަށާއި، ސަޤާފީ އަދި ސިއްޙީ ދައިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ލަންކާ ސަރުކާރާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ބާއްވާ ހަތަރު ވަނަ ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހިމެނޭގޮތަށް ސަރުކާރުގެ އިސްވެރިންގެ ވަފްދެއް ލަންކާއަށް ވަނީ ގޮސްފައެވެ. މިއީ ދެޤައުމުގެ ދޭތެރޭ ބޭއްވޭ ހަރުދަނާ މަޝްވަރާ ތަކުގެ އަލީގައި ލަންކާއާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި ގުޅުން ބަދަހި ކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

މިއަދު ލަންކާ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުގައި މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ލަންކާގެ ފޮރިން މިނިސްޓަރ އެމް.ޔޫއެމް.އެމް އަލީ ސަބްރީގެ ހާޒިރުގައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން ލަންކާގައި ރާއްޖޭގެ ސަޤާފީ ސެންޓަރެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ފައިޒް އަދި ލަންކާގެ ސަޤާފީ ކަންކަމާއި ބެހޭ މިނިސްޓްރީގެ ސެކެރެޓަރީ ސޮމަރަތުނޭ ވިޑަނަޕަތި ރާނާއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމަށް ލިބޭ ފައިދާ އާއި ޘަގާފީ ދާއިރާއިން އެއްބާރުލުން އިތުރަށް ވަރުގަދަވެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށާއި މި ސެންޓަރުގެ ސަބަބުން ދެ ޤައުމުގެ ދޭތެރޭގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.


މިއަދު ދެން ސޮއިކުރެވުނީ ސިއްޙީ ދައިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމުގައެވެ. މި އެއްބަސްވުމުގައި ދިވެހި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަމާއު ޝަރީފް އަދި ލަންކާގެ ހެލްތު މިނިސްޓްރީގެ އެޑިޝަނަލް ސެކެޓަރީ ޑރ. އެކޭ ސުނިލް ބާނާޑް ޑި އަލްވިސްއެވެ. މި އެއްބަސްވުމުގެ ތެރެއިން ފެންވަރު ރަނގަޅު ސިއްޙީ ހިދުމަތެއް ފޯރުކޮށްދިނުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.


މި ބައްދަލުވުމުގެ ތެރެއިން ފަހު އެއްބަސްވުމަކަށް ސޮއިކުރެވިގެން ދިޔައީ، ލަންކާއާއި ދިވެހި ރާއްޖެ ދެމެދު ސަޤާފީ ގުޅުން ވަރުގަދަ ކުރުމުގެ އެއްބަސްވުމުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިޤްއެވެ. ލަންކާގެ ފަރާތުން ސޮއިކުރެއްވީ ސަޤާފީ ކަންކަމާއި ބެހޭ މިނިސްޓްރީގެ ސެކެރެޓަރީ ސޮމަރަތުނޭ ވިޑަނަޕަތި ރާނާއެވެ. އެއްބަސްވުމުގެ ސަބަބުން ސަބަބުން ޘަގާފަތާއި އާދަކާދަ ހިމާޔަތްކޮށް ދެމެހެއްޓުމަށާއި އަދި އާރކިއޯލޮޖީގެ ދާއިރާއިންވެސް އިތުރަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.


ރާއްޖޭގެ ސަރުކާރުގެ ވަފުދެއް މިވަގުތު ލައްކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހާއި ވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުގައި ދެ ޤައުމުގެ ގުޅިގެން ކުރެވިދާނެ ކަންކަމާއި މެދުވަނީ މަޝްވަރާ ކޮށްފައެވެ.