Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެންމެ އިސްކަން ދޭނީ ދީނީ ހޭލުންތެރިކަން އިތުރުކުރަން

ކުރިޔަށް އޮތް ތަނުގައި ވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައްތައް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަސައްކަތްތަކާއެކު މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ޙާއްޞަކޮށް މީހުން ބިނާކުރުމަށާއި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް އުފެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަމުގައި ވިދާޅުވި އެވެ.

އެގޮތުން އައު ދިރާސީ އަހަރާއެކު ސްކޫލްތަކާއި މުޖުތަމަޢަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމާޒުކޮށް އިތުރަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމުގައި ވިދާޅުވި އެވެ. އަދި ޤުރުއާން މުބާރާތްތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށްގެންދެވޭ ހަރަކާތްތައް ކުރިޔަށްއޮތްތަނުގައިވެސް މެދުކެނޑުމެއްނެތި ކުރިޔަށްދާނެކަމުގައި ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ ހެދިބޮޑުވެގެން އަންނަ ޖީލުތަކަކީ ދީނަށް ލޯބިކުރާ، ޢިލްމީ އަދި ތަހުޒީބުބަޔަކަށް ހެދުމަށާއި މުޅި މުޖުތަމަޢުގެ ހެވާ ލާބައަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.

މި އަހަރުގެ ރަމަޟާން މަހު، މީގެ ކުރީގެ އަހަރުތަކުގައި ކުރިޔަށް ނުގެންދާހާ ގިނަ ޢަދަދަކަށް ދީނީ ޕްރޮގްރާމުތައް ކުރިޔަށްގެންގޮސްފައިވެ އެވެ.