Last Updated: April 25, 20:50
Thursday, April 25, 2024
ކުޅިވަރު

ފައިސާ ބޭނުން ނަމަ ދާނީ ސައުދީ އަށް

އެމެރިކާ ލީގުގެ ކްލަބް، އިންޓަ މަޔާމީ އަށް ބަދަލުވާން ނިންމީ ފައިސާގެ ބޭނުމުގައި ނޫން ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ ،35، ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކޮށް އެ ކްލަބް ދޫކޮށްލާފައިވާއިރު މެސީ ކުރިން ކުޅުނު ބާސެލޯނާ އާއި ސައުދީ ލީގުގެ ކްލަބެއް ކަމަށްވާ، އަލް ހިލާލް އިން އޭނާ ގެންދަން މަސައްކަތްކޮށްފައިވެ އެވެ. ސައުދީ ލީގުގެ ކްލަބްތަކުން އަންނަނީ ބޮޑެތި މުސާރަތަކުގައި ޔޫރަޕްގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެންނަމުންނެވެ.

އިންޓަ މަޔާމީ އަށް ބަދަލުވާން ނިންމާފައިވާކަން ހާމަކުރަމުން މެސީ ބުނީ އެމެރިކާ ލީގުގެ ކްލަބަކަށް ބަދަލުވާން ނިންމީ ފައިސާގެ ބޭނުމުގައި ނޫން ކަމަށާއި ފައިސާގެ ބޭނުމުގައި އުޅޭ ނަމަ އޭނާ ދާނީ ސައުދީ ނުވަތަ އެހެން ގައުމަކަށް ކަމަށެވެ.

"ހަގީގަތަކީ އަހަރެން މި ނިންމުން ނިންމީ މުޅިން އެހެން ސަބަބަކަށްޓަކައި. ފައިސާގެ ބޭނުމުގައެއް ނޫން." މެސީ ބުންޏެވެ.

މެސީ ބުނީ ޔޫރަޕްގެ ބައެއް އެހެން ކްލަބުތަކުން ވެސް ހުށަހެޅުންތައް ލިބުނު ކަމަށާއި ނަމަވެސް ޔޫރަޕްގައި އޭނާ ކުޅެން ބޭނުން ވަނީ ހަމައެކަނި ބާސާގައި ކަމުން އެ ހުށަހެޅުންތަކާއި މެދު ނުވިސްނާ ކަމަށެވެ. ނަމަވެސް ބާސާގެ މާލީ ހާލަތު މިވަގުތު ހުރި ގޮތުން އެ ކްލަބަށް ބަދަލުވެވެން ނެތުމުން މިއީ އެމެރިކާ ލީގަށް ބަދަލުވެ ފުޓްބޯޅައާ އެކު ދިރިއުޅުމާއިގެން ހަމަޖެހިގެން އުޅެންވީ ވަގުތު ކަމަށް ގަބޫލުކުރާ ކަމަށް މެސީ ބުންޏެވެ.

މިއީ މެސީގެ ކެރިއަރުގައި ޔޫރަޕުން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

އާޖެންޓީނާއާއެކު ވޯލްޑް ކަޕް ހޯދާފައިވާ މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.