އެމްޑީޕީން މިހާރު އަންނަނީ "ކަލްޓް" ސިފަ ކެނޑެމުން ކަމަށާއި އެހެންވެ ދެން އެ ޕާޓީ އަށް ވަންނަ މީހުން ވާނީ ގިނަ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
ބާރަ ދާއިރާއަކުން އެމްޑީޕީ އަށް އަލަށް ގުޅުނު 2،500 މެމްބަރެއްގެ ފޯމު އިއްޔެ ޕާޓީގެ ސެކްރެޓަރިއޭޓްއާ ހަވާލުކުރުމާ ގުޅިގެން އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ މި އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެއްބުރުން ކާމިޔާބު ކުރާނެ ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން އެމްޑީޕީ އަށް ސޮއިކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ. އަދި އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ވެސް މެ އެވެ.
"އެމްޑީޕީން ކަލްޓް ސިފަ ކެނޑޭ ވަރަކަށް މި ޕާޓީ އަށް ވަންނަ މީހުން ގިނަ ވާނެ." ރޮޒޭ ވިދާޅުވި އެވެ. "އެމްޑީޕީ ދާނީ ބާރަށް ކުރިއަށް."
#MDP dhaanee baarah kuriyah!
MDP in cult ge sifa kendey varakah mi party ah vanna meehun gina vaane. In sha Allah MDP ehburun riyaasee inthihaab kaamiyaabu kuraane! https://t.co/Xxe9Tq7ImG— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 7, 2023
މިހާތަނަށް އެމްޑީޕީ ފާހަގަކުރެވުނީ އެ ޕާޓީގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި ނަޝީދުގެ ވަށައިގެން އެނބުރޭ ޕާޓީއެއްގެ ގޮތުގަ އެވެ. އަދި ނަޝީދު ސިފަކުރެވެމުން އައީ ޕާޓީގެ "ރޫހާނީ ލީޑަރު" ނުވަތަ "ހިތްތަކުގެ ރައީސް" ގޮތުގަ އެވެ. އެހެންވެ ނަޝީދާ ގުޅުވައި އެމްޑީޕީ ވަކި މީހަކަށް ބަރޯސާވާ "ކަލްޓެއް" ގެ ގޮތުގައި އެމްޑީޕޫ ބެލެވެމުން ގޮސްފައިވެ އެވެ.
ނަމަވެސް އެމްޑީޕީގައި ނަޝީދަށް ކުރިން އޮތް ތާއީދާއި ލޯތްބެއް އަދި ސަނާކިއުމެއް މިހާރަކު ނެތެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވުނީ ޖެނުއަރީ މަހު ބޭއްވި އެ ޕާޓީގެ ރިޔާސީީ ޕްރައިމަރީގަ އެވެ. އޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވައިފަ އެވެ. މިއާ އެކީ ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރިންނަށް އެކަން ހަޖަމުނުވެގެން ނުކުންނެވީ އަމިއްލަ ޕާޓީއާ ދެކޮޅަށެވެ.
އެގޮތުން "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތްތަކެއް ފަށައި، އެ ހަރަކާތް މިހާރު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން އޮތީ ހުށަހަޅައިފަ އެވެ. އަދި ނިންމާފައި އޮތީ އެއިން ރިޔާސީ އިންތިހާބަށް ވެސް ވާދަކުރުމަށެވެ.