Last Updated: April 19, 22:45
Saturday, April 20, 2024
މުނިފޫހިފިލުވުން

ބައިވެރިއަކަށް ބޭނުމީ މިޒާޖާ ގުޅޭ މީހެއް

ކައިވެނި ކުރާނީ ކޮން ދާއިރާއެެއްގައި އުޅޭ މީހަކާތޯ ބެލުން މުހިއްމު ނޫން ކަމަށާއި މުހިއްމީ މިޒާޖުގެ ގޮތުން ގުޅޭ މީހަކާ ކައިވެނި ކުރުން ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން ބުނެފި އެވެ.

މިދިޔަ އަހަރު އަޑު އަރާފައިވާ ގޮތުގައި އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އަންނަނީ އިންޑިއާގައި އަރަމުން ޒުވާން ކްރިކެޓް ކުޅުންތެރިޔާ ޝުމަބް ގިލްއާ ޑޭޓްކުރަމުންނެވެ. އެހެންވެ ކްރިކެޓް ކުޅުންތެރިޔަކާ ކައިވެނިކޮށްފާނެތޯ އިންޑިއާ ޓުޑޭ އިން ސުވާލުކުރުމުން ސާރާ ބުނީ ބައިވެރިޔަކު އިހުތިޔާރު ކުރުމުގައި ވަކި ދާއިރާއެއްގައި އުޅޭ މީހަކު އޭނަ އަށް އެހާ މުހިއްމު ނޫން ކަމަށެވެ.

ނަމަވެސް ކްރިކެޓް ކުޅުންތެރިޔަކާ ޑޭޓްކުރާ ކަމަށް އަޑު އަރާފައިވާތީ މާމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް ހިނގި މަގުން ސާރާ ހިނގައިފާނެ ކަމަށް ބައެއް މީހުން ދެކެ އެވެ. ސާރާގެ ކާފަ މަންސޫރް އަލީ ޚާނަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު ކްރިކެޓް ކުޅުންތެރިއެކެވެ.

އެކަމާ ގުޅުވައި ސުވާލުކުރުމުން 27 އަހަރުގެ ބަތަލާ ބުނީ އޭނަ އަށް ކޮންމެ ދާއިރާއެއްގެ މީހަކު ވެސް އެންމެ ރަނގަޅު ކަމަށެވެ.

"އެކްޓަރަކަށް ވިޔަސް، ކްރިކެޓް ކުޅުންތެރިޔަކަށް ވިޔަސް، ވިޔަފާރިވެރިޔަކަށް ވިޔަސް ނުވަތަ ޑޮކްޓަރަކަށް ވިޔަސް އެއީ މައްސަލައެއް ނޫން ކަންނޭނގޭ. އެހެންވެ އަހަރެން ނުވިސްނަން އެއް އިރެއްގައި ވެސް ވަކި ދާއިރާއެއްގައި އުޅޭ މީހަކު ހަޔާތުގެ ބައިވެރިއަކަށް ހަދާކަށް،" ވަރަށް މަޖާ މިޒާޖެއްގެ ބަތަލާ ބުންޏެވެ. "އެ މީހަކު އުޅޭ ޕްރޮފެޝަން އަށް ވުރެ އަހަންނަށް މާ މުހިއްމު މިޒާޖުގެ ގޮތުން ގުޅޭ މީހަކު ލިބުން. އޭގެ މާނަ އަކީ ހުރިިހާ ގޮތަކުން ވެސް އަހަންނާ ގުޅޭ މީހަކު ލިބުން ވަރަށް މުހިއްމޭ."

ކުރިން "ލަވް އާޖް ކަލް" ގެ ބަތަލު ކާތިކް އާރިއާނާ ރައްޓެހިވި ސާރާ ބުނި ގޮތުގައި އެފަދަ މީހަކާ އަދި ދިމައެއް ވެސް ނުވެ އެވެ. އެހެންވެ އަދިއެއް ކައިވެންޏަކާ ދޭތެރޭ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް ބުންޏެވެ.

ދެހާސް އަށާރައިގެ "ކޭދަރުނާތު" އިން ބޮލީވުޑަށް ނުކުތް ސާރާ އަކީ މިހާރު އިންޑަސްޓްރީގެ އެންމެ އުންމީދީ އެއް ބަތަލާ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބެމުން އަންނަ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ.

ސާރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މެޓްރޯ: އިން ދިނޯ"، "އޭ ވަތަން މޭރޭ ވަތަން" އަދި "މާޑާ މުބާރަކް ހިމެނެ އެވެ.