Last Updated: April 25, 18:52
Thursday, April 25, 2024
މުނިފޫހިފިލުވުން

ރަންބީރާއި އާލިއާ އަށް އާ ފިލްމެއް

ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓަށް އެކީގައި ކުޅެން ދެވަނަ ފިލްމެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަކީ ޕްރޮޑިއުސަރު މަދޫ މަންޓޭނާއާ ގުޅިގެން ޑައިރެކްޓަރު ނިތޭޝް ތިވާރީ ބޮޑު ބަޖެޓަކުން ހަދަން ނިންމާފައި ހުރާފީ ފިލްމު "ރާމާޔަން" އެވެ. އެ ނޫހުން ބުނި ގޮތުގައި ފިލްމުގައި ރާމްގެ ރޯލަށް ރަންބީރް ނަގާފައިވާ އިރު، އޭގައި ސީތާގެ ރޯލު ކުޅޭނީ އާލިއާ އެވެ.

މީގެ އިތުރުން "ރާމާޔަން" ގެ ނެގަޓިވް ރޯލު ރާވަންގެ ކެރެކްޓާ ކުޅޭނީ މަޝްހޫރު ތެލެގޫ އެކްޓަރު ޔާޝް ކަމަށް ވެސް ޕިންކްވިލާ އިން ބުންޏެވެ. އޭނަ އަކީ މަގުބޫލު ތެލެގޫ ފްރެންޗައިޒް "ކޭޖީއެފް" ގެ ބަތަލެވެ. ކުރިން އަޑުއެރި ގޮތުގައި ނިތޭޝްގެ ފިލްމުގައި ރާވަންގެ ރޯލު ކުޅޭނީ ރިތިކް ރޯޝަނެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ދިން އިންޓަވިއުއެއްގައި އޭނަ ވަނީ އެ ފިލްމު އޮފާނުކުރާ ކަމަށް ބުނެފަ އެވެ.

"ރާމަޔަން" ގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަށަން ނިތޭޝް ތައްޔާރުވަމުން އަންނަ ކަމަށް ޕިންކްވިލާ އިން ބުންޏެވެ. "ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އޮކްޓޯބަރުގައި ގެނެސްދޭން އޮތް "ބަވާލް" އެވެ. އޭގެ ތަރިންނަކީ ވަރޫން ދަވަނާއި ޖާންވީ ކަޕޫރެވެ.

"ރާމާޔަން" ގެ ތައްޔާރީތައް ވަމުން އަންނަ އިރު، ރަންބީރާއި އާލިއާ އެކީގައި ކުޅުނު ހަމައެކަނި ފިލްމަކީ މިދިޔަ އަހަރުގެ "ބުރައްމަސްތުރާ" އެވެ.

ރަންބީރްގެ ކުރިއޮތް ފިލްމަކީ އޮގަސްޓަށް ތާވަލުކޮށްފައި އޮތް "އެނިމަލް" އެވެ. އާލިއާގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަންނަ މަހު އަދި އޭނަގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" އޮގަސްޓްގައި ރިލީޒްކުރާނެ އެވެ.