Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ރައީސް ހުންނާނީ އެމްޑީޕީގެ ޕީޖީ މެޖޯރިޓީއާ އެއްގޮތަށް

ރައީސް ނަޝީދު އަދި ރައީސް ސޯލިހް-

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނަވާނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މެޖޯރިޓީން ނިންމާ ނިންމުންތަކާ އެއްކޮޅަށްކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމާ އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ އެ މައްސަލައިގައި ރައީސް ސޯލިހް ދެކެވަޑައިގަންނަވާ ގޮތަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބޭފުޅުންނާ ރައީސް ސޯލިހާ މަޝްވަރާ ކުރެވޭ ކަމަށެވެ. އެގޮތުން ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވާ ހުރިހާ މެންބަރުންނާ ރައީސްއާ މަޝްވަރާ ކުރެވޭ ކަމަށާއި އެބޭފުޅުން ރައީސްއާއެކު އޮންނަ ގުޅުންވެސް ރަނގަޅު ކަމަށެވެ.

"ޕާލިމެންޓަރީ ގްރޫޕުގެ މެޖޯރިޓީއާ އެއްކޮށް ރައީސް ވަޑައިގަންނަވާނީ." މިއުވާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއެކުގައެވެ.

ރައީސް ނަޝީދު ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުން ތިއްބަވައެވެ. މިމައްސަލައިގައި ސޮއިކޮށްފައިވާ 54 މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ 50 މެންބަރުންނާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.