ރާއްޖޭގެ ދެކުނު ސަރުކާރުން ބޭނުންވާ ގޮތަށް ތަރައްގީ ކުރުމަށް އައްޑޫސިޓީގެ ބިން ހިއްކަން ޖެހޭކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ އައްޑޫ ބިންހިއްކުމުގެ މަޝްރޫއިން ތިމާވެއްޓަށް ގެއްލުންވާނެކަމަށް ބުނެ ސޯޝަލްމީޑިއާގައި 'ސޭވް އައްޑޫ'ގެ ނަމުގައި ކެމްޕޭނެއް ކުރިއަށްދާކަން ފާހަގަކުރައްވާ އެކަމާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ އައްޑޫއަށް އިތުރަށް ބިން ބޭނުންވާ ކަމަށެވެ.
"އައްޑޫއަށް އަދި މުޅި ދެކުނުގެ ތަރައްގީއަށް ސަރުކާރުން ރޭވިފައިހުރި މަޝްރޫއުތަކާއި ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އައްޑޫއަށް ބިން އެބަ ބޭނުންވޭ." މިއުވާން ވިދާޅުވިއެވެ.
އައްޑޫއަށް ބިމުގެ ދަތިކަން އެބައޮތްކަން ފާހަގަކުރައްވާ މިއުވާން ވަނީ އައްޑޫގެ ބިން ހިއްކާ އިތުރަށް ބިން ބޭނުންވާކަން ތަކުރާރު ކުރައްވާފައެވެ. އަދި މީގެކުރިން ހިއްކާފައި އޮތް ސަރަހައްދުން އެކަނި އައްޑޫއަށް ބޭނުންވާ ތަރައްގީ ނުގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ އައްޑޫސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފައްޓަވައިދެއްވާފައެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުނިންނެވެ.
އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:
* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ
* މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ