Last Updated: April 25, 09:10
Thursday, April 25, 2024
ޚަބަރު

ކޯޓްތަކަކަށް ފަނޑިޔާރުން އައްޔަންކޮށްފި

ޖޭއެސްސީގެ ރައީސް އަދި ހައިކޯޓަށް އައްޔަނު ކުރެއްވި ފަނޑިޔާރު- ފޮޓޯ: ހައިކޯޓު މީޑިއާ

ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ.

އޮގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އަލްއުސްތާޛު މުހައްމަދު ޝަނީޒް އަބްދުﷲ އަދި ކްރިމިނަލް ކޯޓަށް އަލްއުސްތާޛާ އާއިޝަތު ނުޒުހާ އަދި ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އަލްއުސްތާޛާ އައިޝަތު ޝިހާބް ވަނީ އައްޔަނު ކޮށްފައެވެ.

އެބޭފުޅުން މަގާމަށް އައްޔަނު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުހައްމަދު އިބްރާހީމްއެވެ.

ހައިކޯޓަށް އައްޔަނުކުރި އަލްއުސްތާޛު މުހައްމަދު ޝަނީޒް އަބްދުﷲ ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ހާސިލްކުރައްވާފައެވެ. ޝަރުއީ އަދި ޤާނޫނީ ދާއިރާގައި 9 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރިއިރު ހުންނެވީ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމްގައެވެ.

ކްރިމިނަލް ކޯޓަށް އައްޔަނުކުރި އަލްއުސްތާޛާ އާއިޝަތު ނުޒުހާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ (ވިތް އޮނަރސް) އަދި މާސްޓަރ އޮފް ލޯ ޙާސިލްކުރައްވާފައިވެއެވެ. ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަޤާމް އަދާކުރައްވަމުން ގެންދެވި އަލްއުސްތާޛާ އާއިޝަތު ނުޒުހާވަނީ ޤާނޫނީ ދާއިރާގައި 07 އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.

ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އައްޔަނުކުރި އަލްއުސްތާޛާ އައިޝަތު ޝިހާބް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލްކުރައްވައިފައެވެ. ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމެވިއިރު، އަލްއުސްތާޛާ އައިޝަތު ޝިހާބް ހުންނެވީ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމްގައެވެ.