Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ކަންކަން ހައްލު ކުރުމުގެ ގާބިލުކަން ހުރީ ޤާސިމްގެ

އަމީން އިބްރާހިމް-

ރާއްޖެއަށް މިއަދު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ޤާބިލުކަން ހުރީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ކަމަށް ޖޭޕީގެ އުތުރުގެ ކެމްޕޭން މެނޭޖަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ މަސައްކަތް ފެށުމަށްވަމުންދާ ތައްޔާރީއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރޭ ކުނޫޒްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން އިބްރާޙިމް ވިދާޅުވީ ޤާސިމް ވެރިކަމަށް ގެންނަން މަސައްކަތްކުރަންޖެހޭ ސަބަބާ ގުޅޭގޮތުން އެކި ފޯރަމްތަކުގައި އެކި ފަރާތްތަކުން ވަރަށް ގިނަ ވާހަކަ ދައްކަވާ ކަމަށެވެ.

ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތައް ފިލުވާލުމަށް އެންމެންވެސް ބޭނުންވާކަން ފާހަގަކޮށް އަމީން ވިދާޅުވީ ޖޭޕީން މަސައްކަތްކުރަމުން އަންނަނީ އެ ކަންބޮޑުވުންތައް ފަސޭހައިން ހައްލު ކޮށްދެވޭނެ ގޮތަކަށްކަމަށެވެ. ކަންބޮޑުވުމެއް ހައްލުކުރުމަށް މީހަކާ ހަވާލުކުރާއިރު އެމީހަކީ އެފަދަ ކަމެއް ކުރުމުގެ ގާބިލުކަން އަދި ތަޖުރިބާ ހުރި މީހެއްތޯ ރައްޔިތުން ބަލާނެ ކަމަށް އަމީން ވިދާޅުވިއެވެ.

މީހަކު ކަމެއްގެ ގާބިލު މީހަކަށްވަނީ އެމީހަކީ ކަންކަމާ ކުރިމަތިލާ އެކަންކަން ހައްލުކުރުމުގެ ރޫހު ހުރެގެން އެކަންކަމުގެ ނަތީޖާ ނެރެ އެކަމަށް މަސައްކަތް ކުރާ މީހަކަށް ވެގެންކަމަށް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެބަ ބޭނުންވޭ އެ މައްސަލަ އަޑުއަހާ މީހެއް، އެމައްސަލަ ހައްލުކުރުމުގެ މައުލޫމާތު ހުރި މީހެއް، ތަޖުރިބާ ހުރި މީހެއް، އެ ޑްރައިވް ހުރި މީހެއް." އަމީން ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިސިފަތައް ހުރީ ޤާސިމްގެ ކަމަށާއި ޤާސިމަކީ މައްސަލަތައް ހައްކުރައްވާނެ ލީޑަރެއް ކަމަށް އަމީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ޤާސިމް ވާދަކުރައްވާއިރު އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތު މާދަމާ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވާދަކުރައްވާއިރު އެމަނިކުފާނާ އެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ. މީގެއިތުރުން އެމްއެންޕީގެ ޓިކެޓުގައި އެޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އިންތިހާބުގައި ވާދަކުރައްވާއިރު އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.