Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޔޫކޭ އަށް ފޮނުވާ މަހުން ޑިއުޓީ ކަނޑަށް އެއްބަސްވުމެއް ހަދަނީ

ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް ނިންމާ އެކަން އިއުލާނު ކޮށްފިއެވެ.

މި މަސައްކަތް ފެށުމަށްޓަކައި ރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށާއި، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށްޓަކައި ހިޔާލު ހުށަހެޅުމަށް މިއަދު ހެނދުނު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ. އަދި އެކަމަށް ދިވެހި ސަރުކާރުން ވަނީ މަރުހަބާވެސް ކިޔާފައެވެ.

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި ފާއިތުވީ 4 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ދިވެހި ސަރުކާރުންވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މި މަޝްވަރާ ތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިޤްތިސާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ޤައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށެވެ.

މި އެއްބަސްވުން އެކުލަވާލުމަށްޓަކައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު އިނގިރޭސި ސަރުކާރުން ވަނީ އޮގަސްޓް 2 އާ ހަމަކަށް ހުޅުވާލާފައެވެ.