Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

ޝާހިދަށް އެންމެ ރީތީ ދީޕިކާގެ ލޯ

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ލޯ އެންމެ ރީތީ ދީޕިކާ ޕަދްކޯންގެ ކަމަށް އެކްޓަރު ޝާހިދު ކަޕޫރް ބުނެފި އެވެ.

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2018 ގެ "ޕަދުމާވަތު" ގައި ދީޕިކާއާ އެކީ މަސައްކަތް ކުރި އެކްޓަރު ބުނި ގޮތުގައި ދީޕިކާގެ ލޯ ވަރަށް ވެސް ހިތްގައިމެވެ.

"އޭނަގެ ދެ ލޯ ބޮޑުވެފައި، ވަރަށް އެކްސްޕްރެސިވް. ފިލްމީ ތަރިއަކަށް އެއީ އަސްލު ވަރަށް މުހިއްމު ސިފައެއް. ޝާހިދު ބުންޏެވެ.

މާދަމާ ޖިއޯ ސިނެމާ ޕްލެޓްފޯމުން ޕްރީމިއާކުރާ ފިލްމު "ބްލަޑީ ޑެޑީ" ގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޝާހިދު ބުނި ގޮތުގައި އޭނަގެ ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރްގެ ފަރާތުން އެއްޗެއް ވަގަށް ނަމާ އެ އެއްޗަކީ އޭނަގެ ސުޕަސްޓާ ކޮލިޓީ އެވެ.

"ފުރަތަމަ ފިލްމުން ފެށިގެން ވެސް ކަރީނާގެ އެންމެ ހާއްސަ ސިފައެއްގެ ގޮތުގައި އަހަންނަށް ފާހަގަކުރެވެނީ އޭނަގެ ކިބައިގައި ހުންނަ ސްޓާ ކޮލިޓީ. އަހަރެން ބޭނުން އެ އަތުލައިގަންނަން." ސައިފް އަލީ ޚާނާ ކައިވެނިކޮށް ދެ ދަރިން ވެސް ތިބި ކަރީނާއާ ބެހޭ ގޮތުން ޝާހިދު ބުންޏެވެ.

ކަރީނާ އާއި ޝާހިދަކީ އެކީގައި ކާމިޔާބު ފިލްމުތަކެއް ވެސް ކުޅުނު ދެ ތަރިންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2007 ގެ "ޖަބް ވީ މެޓް" އެވެ. އެ ދެ މީހުން އެންމެ ފަހުން ފެނިފައި ވަނީ 2016 ގެ "އުޅުތާ ޕަންޖާބު" އިންނެވެ.

ޝާހީދު ބުނި ގޮތުގައި އިންޑިއާގެ ދެކުނުގެ ބަތަލާއިންގެ ތެރެއިން އެކީގައި އެންމެ މަސައްކަތްކޮށްލަން ބޭނުންވާ ބަތަލާއިންނަކީ "ބާހްބަލީ" ގެ ބަތަލާ އަނުޝްކާ ޝެޓީ އާއި "ޕުޝްޕާ" ގެ ބަތަލާ ރަޝްމިކާ މަންދަނާގެ އިތުރުން ސަމަންތާ ރޫތު ޕްރަބޫ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހިދު ސޮއިކޮށް، އަންނަ އޮގަސްޓްގައި ޝޫޓިން ފަށާ ޑައިރެކްޓަރު އަނީސް ބަޒްމީގެ އެކްޝަން ކޮމެޑީގެ ބަތަލާ އަކީ ރަޝްމިކާ އެވެ.