Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ޢިޖުތިމާއީ މައްސަލަތަކަށް ޖަމީއްޔާތައް ތެދުވަން ޖެހޭ

ސިވިލް ސޮސައިޓީ އެވޯޑްސް ރަސްމީއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގައި ހުރި އިޖްތިމާޢީ މައްސަލަތައް ހައްލު ކުރަން މަދަނީ ޖަމީއްޔާތަކުން މިހާރުން މިހާރަށްވެސް ތެދުވަން ޖެހޭ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ސިވިލް ސޮސައިޓީ އެވޯޑްސް ނުވަތަ މަދަނީ ޖަމީއްޔާތަކުގެ މަސައްކަތް އަގުވަޒަންކޮށްދޭ އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލީހް ވިދާޅުވީ، ކޮންމެ މުޖްތަމަޢެއްގައިވެސް މަދަނީ ޖަމީއްޔާތަކަކީ އެ މުޖްތަމަޢު ހަރަކާތްތެރި ކުރުވާ މައި އިންޖީނު ކަމަށެވެ. އެމަނިކުފާނުގެ ވާހަކަ ފުޅުގައި މިހާތަނަށް ވެސް ރާއްޖޭގައި ކުރެވިފައި މުހިންމު މަސައްކަތްތަކުގައި މަދަނީ ޖަމީއްޔާތަކުގެ ބައިވެރިވުން އޮތް ކަން ވަނީ ފާހަގަކޮށްފައެވެ.


މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަކީ މިވަގުތު އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރީ އެކި މިންވަރަށް އަދި އެކިބާވަތުގެ އިޖުތިމާޢީ މައްސަލަތައްކަން ފާހަގަކުރައްވައި ކޮންމެ ރަށެއްގެ ޙާލަތަށް ރިޢާޔަތްކޮށް، މި މައްސަލަތައް ޙައްލުކުރުމުގައި ލާމަރުކަޒީ އުސޫލުން އެމަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިމައްސަލަތަށް ހައްލު ކުރުމަށް މަދަނީ ޖަމީއްޔާތަކުން ތެދުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިޖްތިމާޢީ މައްސަލަތަކުގެ އިތުރުން ތިމާވެށީގެ މައްސަލަތަކަކީވެސް މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަން ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަދު ކުރުމަށްވެސް މަދަނީ ޖަމީއްޔާތަކުގެ އެއްބާރުލުން ބޭނުންވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ މަދަނީ ހުރިހާ ޖަމީއްޔާއެއްގެ އަމާޒުތަކުގެ ތެރޭގައި ތިމާވެށީގެ މައްސަލަ މިހާރު ހިމަނަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އަލަށް ތަޢާރަފުކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުން ހިމެނެއެވެ.