Last Updated: April 26, 22:09
Friday, April 26, 2024
ކުޅިވަރު

ސައުދީ އަށް ބަދަލުވީ މުސްލިމް ގައުމެއްގައި އުޅެން ބޭނުންވާތީ

ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ކްލަބަކަށް ބަދަލުވީ މުސްލިމް ގައުމެއްގައި އުޅެން ބޭނުންވާތީ ކަމަށް ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ބުނެފި އެވެ.

ރެއާލް މެޑްރިޑްގައި 14 އަހަރު ހޭދަކުރުމަށްފަހު ސައުދީ ލީގުގެ ޗެމްޕިއަންކަން މިފަހަރު ހޯދި އަލް އިއްތިހާދަށް ބެންޒެމާ ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބެންޒެމާ އަށް އަލް އިއްތިހާދުން ދިން އެއްބަސްވުމުގެ ޖުމްލަ އަގަކީ 400 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސައުދީ ލީގުގެ ކްލަބަކަށް ބަދަލުވި ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަމުން ބެންޒެމާ ބުނީ އޭނާ އަކީ މުސްލިމެއް ކަމަށާއި ސައުދީ އަކީ މުސްލިމް ގައުމެއް ކަމަށްވާއިރު އަބަދުވެސް އެ ގައުމުގައި އުޅެން ބޭނުންވާ ކަމަށެވެ. ސައުދީ އަށް މީގެކުރިން ވެސް ދަތުރުތަކެއް ކޮށްފައިވާ ކަމަށާއި އެ ދަތުރުތަކުން ހިތްހަމަޖެހުން ލިބިގެންދާ ކަމަށް ބެންޒެމާ ބުންޏެވެ.

"އެންމެ މުހިއްމު ކަމަކީ އެއީ މުސްލިމް ގައުމަކަށް ވުން. އަދި އެއީ އެހާމެ ރީތި ވެސް ގައުމެއް." ބެންޒެމާ ބުންޏެވެ.

ސައުދީ އަށް ބަދަލުވާން އުޅޭ ވާހަކަ އާއިލާއާ ހިއްސާކުރުމުން އެކަމާ އެންމެން ވެސް ތިބީ އުފަލުން ކަމަށް ބެންޒެމާ ބުންޏެވެ. އަދި ސައުދީ ލީގަށް ބަދަލުވި ނަމަވެސް ކާމިޔާބު ހޯދުމަށް އޭނާ ގެންގުޅޭ ވިސްނުމަށް ކުޑަކޮށް ވެސް ބަދަލެއް ނާންނާނެ ކަމަށާއި އަލް އިއްތިހާދާއެކު ގިނަ ތަށިތަކެއް ހޯދުމަކީ އޭނާގެ އަމާޒު ކަމަށް ބެންޒެމާ ބުންޏެވެ.

ބެންޒެމާގެ އިތުރުން އަލް އިއްހާދުން އަންނަނީ ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން އަލް އިއްހާދުން ވަނީ އަހަރަކު 106 މިލިއަން ޑޮލަރު ލިބޭ ގޮތަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ކަންޓޭ އަށް ހުށަހަޅައިފަ އެވެ. މި ހުށަހެޅުން ގަބޫލުކޮށް ކަންޓޭ ސައުދީ ލީގަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.