Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މުހައްމައިދީގެ ޖަނާޒާ ހުކުރަށް ފަހު

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މުހައްމަދު އިބްރާހީމްދީދީ (ތުއްބީގެ މުހައްމައިދީ) ގެ ޖަނާޒާ މިއަދު ހުކުރު ނަމާދަށް ފަހު ބާއްވަން ނިންމައިފި އެވެ.

އާއިލާ އިން ބުނީ ކަށުނަމާދު ކުރުން އޮންނާނީ ހިތަދޫ މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތް) ގައި ކަމަށެވެ. އުމުރުން 86 އަހަރުގައި މުހައްމާދީ އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

މުހައްމައިދީ އަކީ މިހާރުގެ ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އާއި ސްޓެލްކޯގެ ޗެއާމަން އަދި ކުރީގެ ބްރިގޭޑިއަލް ޖެނެރަލް އިބްރާހީމް މުހައްމަދުދީދީގެ ބައްޕަ އެވެ.

މުހައްމައިދީ އަކީ އައްޑޫގެ ތަރައްގީ އަށް، ޚާއްޞަކޮށް ހިތަދޫގެ ތަރައްގީ އަށް ގިނަގުނަ ޚިދުމަތްތަކެއްކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ޖޫން 13، 1964 ގައި ހިތަދޫ ކުޑަކަތީބުގެ މަގާމާ ހަވާލުވެވަޑައިގެން ސަރުކާރު ޚިދުމަތަށް ނުކުމެވަޑައިގެންނެވި އެވެ. އައްޑޫގެ ގައުކެޑި އާއި ހަންކެޑެ ގުޅައިލުމަށް އެޅިު ފާލަމަކީ، މުހައްމާދީ ކުޑަކަތީބުގެ މަގާމުގައި ހުންނަވައިގެން، ސީދާ އޭނަގެ ބެއްލެވުމާއި ބައިވެރިވެވަޑައިގަތުން އޮވެގެން ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.

މުހައްމައިދީ އަކީ ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އައްޑޫގެ އަތޮޅުވެރިކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ފަހުން، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމާއި، ރާއްޖެތެރޭގެ ވަކީލުކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ.

މުހައްމައިދީ ވަނީ ދައުލަތަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. އޭނަ 2021 ގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވެސް ލިބިވަޑައިގަންފައިވެ އެވެ.