Last Updated: July 21, 11:48
Tuesday, July 21, 2026
ދުނިޔެ

މިޔަރު ހަމަލާއެއްގައި މީހަކު މަރުވެއްޖެ

މިސްރަށް ޗުއްޓީ އަށް ދިތަ ރަޝިއާގެ ޓޫރިސްޓަކަށް މިޔަރަކު ދިން ހަމަލާއެއްގައި މަރުވެއްޖެ އެވެ.

ޓޫރިސްޓުންގެ މެދުގައި މަޝްހޫރު މިސްރުގެ އިރުމަތީ އައްސޭރި ފަށުގެ ސަރަހައްދެއް ކަމަށްވާ ހުރްގާދާގައި އިއްޔެ ހިނގި ހާދިސާއާ ގުޅިގެން މިސްރުގެ ރެޑް ސީ ރިސޯޓް ސަރަހައްދުގެ މޫދަށް އެރުން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ މަނާކޮށްފަ އެވެ.

މޫދަށް އެރި އުޅުނު ޓޫރިސްޓަކަށް "ޓައިގާ ޝާކެއް" ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން އޭނަ މަރުވެފައިވާތީ އެ މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. މަރުވި މީހާ އަކީ ލަޑިމީރް ޕޮޕޯވް ކިޔާ 24 އަހަރުގެ ޒުވާނެކެވެ.

މިސްރުގެ އެންވަޔަރަމަންޓް މިނިސްޓަރު ޔާސްމީން ފުއާދު ވިދާޅުވީ މިޔަރު ހަމަލާގައި ޓޫރިސްޓް މަރުވި މައްސަލަ ބަލަން ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެ ހާދިސާއާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ވަނީ މޫދަށް އެރޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމާބެހޭ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދިނުމަށް ވެސް ގޮވާލައްވައިފަ އެވެ.

މިދިޔަ އަހަރު ވެސް ރެޑް ސީގައި މިޔަރުތަކެއްގެ ހަމަލާތަކެއްގައި ދެ އަންހެނަކު މަރުވެފައިވެ އެވެ. މީގެ އިތުރުން 2020 މިސްރުގައި ޔުކްރޭންގެ ފިރިހެން ކުއްޖަކަށް މިޔަރަކު ދިން ހަމަލާއެއްގައި އެއް ފައި ގެއްލިފައިވެ އެވެ. އަދި 2018 ގައި މިޔަރުގެ ހަމަލާއެއްގައި ޗެކް ރިޕަބްލިކްގެ އަންހެނަކު މަރުވެފައިވެ އެވެ.