Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ކާޖޮލްގެ ސީރީޒްގެ ޓްރެއިލާ ހޯމަ ދުވަހު

އިންޑިއާގެ މަޝްހޫރު ބަތަލާ ކާޖޮލްގެ އަލަތު ވެބް ސީރީޒްގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ދައްކައިލަން ނިންމައި އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭން ހަމަޖެހިފައިވާ މި ސީރީޒަކީ "ދަ ގުޑް ވައިފް" ގެ ނަމުގައި ގެނެސްދިން އެމެރިކާގެ ލީގަލް ސީރީޒްގެ އިންޑިއާ ވާޝަނެވެ. ކާޖޮލް ވަކީލެއްގެ ފޯލުން ފެންނާނެ ސީރީޒަށް ދީފައިވާ ނަމަކީ "ދަ ޓްރަޔަލް" އެވެ. އަދި މީގެ ޑައިރެކްޓަރަކީ ސުޕަން ވަރުމާ އެވެ. އޭނަ އަކީ "އޭކް ކިލާޅީ، އޭކް ހަސީނާ" އަދި "އެސިޑް ފެކްޓްރީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

"ދަ ގުޑް ވައިފް" އަކީ 2009-2016 އަށް ހަތް ސީޒަނަކަށް 156 އެޕިސޯޑް ގެނެސްދިން ވަރަށް މަގުބޫލު ސިލްސިލާއެކެވެ.

މީގެ އިންޑިއާ ވާޝަނުން ކާޖޮލް ބެލުންތެރިންނާ ބައްދަލުކުރާ އިރު، "ދަ ޓްރަޔަލް" ގެ ކާސްޓްގައި ޖިއްޝޫ ސެން ގުޕްތާ، އާމިރު އަލީ އަދި ޝީބާ ޗައްޑާ ފަދަ ފަންނާނުން ހިމެނެ އެވެ.

މި ސީރީޒް ޕްރީމިއާކުރރާނެ ތާރީހެއް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން އަދި އިއުލާނެއް ނުކުރެ އެވެ.

މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 29 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް 2" އެވެ. ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސަލާމް ވެންކީ" އެވެ.