Last Updated: June 22, 20:19
Monday, June 22, 2026
ރިޕޯޓް

އެމްއެންޕީ އައްޑޫގައި އޮތީ "ފަޅުކޮށް"!

އައްޑު އަކީ ކާނަލް މުހައްމަދު ނާޒިމްގެ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ އެ ޕާޓީގެ އަތޮޅުތެރޭގެ ފުރަތަމަ އޮފީސް ހުޅުވި ތަނެވެ. އެ އެ އޮފީސް ހުޅުވީ ނޮވެމްބަރު 6، 2021 ގައި ފޭދޫގަ އެވެ.

ނާޒިމު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީގެ އިސް ބޭފުންތަކެއްގެ ބޮޑު ޓީމެއް އޭރު ކުރެއްވި ދަތުރުގައި ހިތަދު އާއި ހުޅުމީދޫގައި ވެސް އޮފީހެއް ހިުޅުވައި، އައްޑޫގެ އެކި އަވަށްތަކުގައި ޕާޓީގެ ހަރަކާތްތައް ހިންގި އެވެ. އެކަމަކު މިހާތަނަށް އައި އިރު ފާހަގަކުރެވުނީ އޭގެ ފަހުން އެމްއެންޕީގެ އެއްވެސް އަޑެއްބަޑެއް އައްޑޫގައި ނެތްކަމެވެ.

އެންމެ ބޮޑަށް ފާހަގަކުރެވެނީ ފޭދޫ ބޮޑުގައި އޮފީސް ހުޅުވަން ބޭއްވި ހަފުލާގައި ނާޒިމް ދެއްކެވި ވާހަކައާ އެއްގޮތަށް އެއްވެސް ކަމެއް ނުހިނގާ ކަމެވެ. އޭރު އޭނަ ވިދާޅުވީ ޕާޓީގެ ފޭދޫ އޮފީހަކީ ސިޔާސީ ގިނަ ހަރަކާތްތަކެއް ހިންގާނެ ތަނެއް ކަމަށެވެ. އެގޮތުން ޒުވާނުންނަށް ހާއްސަކޮށްގެން އެ ތަނުގައި ތަފާތު އެކިއެކި ކަންކަން ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައްވާނެ ކަމަށް ވިދާޅުވި އެވެ.

ދެ އަހަރެއްހާ ދުވަސްވީ އިރު، ފޭދޫގެ އޮފީހުގައި އެއްވެސް ކަމެއް ނެތެވެ. ޕާޓީގެ އެއްވެސް ހަރަކާތެއްގެ ހިލަމެއް ނެތެވެ. އޮތީ ފަޅުކަމާއި ހިމޭންކަމެވެ. އެކަމަކު އެ އޮފީހުތަގެ އަންހެން މުވައްޒަފަޖު ދޭތެރެއަކުން އޮފީހަށް ވަދެނުކުމެ ހަދާ ތަން ފެނެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ނާޒިމު ކުރިމަތިލައްވަން ނިންމައިވައި، ރިޔާސީ ޓިކެޓް ހިއްޕަވައިގެން މިހާރު ހުންނެވީ ކެމްޕޭންނަށް ރަސްމީކޮށް ނުކުންނަވަ އެވެ. ކެމްޕޭންގެ ފުރަތަމަ މަންޒިލަކީ ކ. އަތޮޅުގެ ރަށްރަށެވެ.

ފޭދޫ އޮފީސް ހުޅުވި ހަފުލާގައި ނާޒިމް ވިދާޅުވީ އައްޑޫ ތަރައްގީ ކުރުމަކީ އެމްއެންޕީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެހެންވެ ޕާޓީގެ މެނިފެސްޓޯގައި ރާއްޖޭގައި އޮތް އެންމެ ދެކުނުގެ ސިޓީ އަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަަނޑުމެންގެ އެބައޮތް ޕްލޭނެއް." ނާޒިމު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެންޕީ އަކީ ދިވެހި ރައްޔިތުންގެ އިހުސާސްތައް ދަނެގެން ރައްޔިތުންގެ ވިންދާއި ރޫހާ އެކީ މަސައްކަތްކުރާނެ ޕާޓީ އެވެ.

"ޔަގީންކަން އަރުވަން ބޭނުން ވަނީ ދވެހި ރައްޔިތުން އެދޭ ފަދަ ތަރައްގީ އާއި ވިސްނުން އޮތް ޕާޓީއަކަށް މި ޕާޓީ ވާނެކަން. އައްޑޫ ރައްޔިތުންނަށް ވެސް ދޭން އޮތް ޔަގިން ކަމަކީ އެއީ." ނާޒިމް ވިދާޅުވި އެވެ.

ސުވާލަކީ ރިޔާސީ އިންތިހާބު ދެ މަހެއްހާ ދުވަހަށް ގާތްވެފައިވާ އިރު، އެމްއެންޕީގެ އެއްވެސް ރޫހެއް އައްޑޫގައި އެބައޮތްތޯ އެވެ؟