Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ޕީޕީއެމުން ހަދާނީ ޔާމީން އަންގާ ގޮތެއް: ޝުޖާ

ޕީޕީއެމުން އަބަދު ވެސް ކަންތައް ކުރަމުން އަންނާނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގާ ގޮތަށް ކަމަށް އެ ޕާޓީގެ ކޯލިޝަން ބައިވެރިޔާ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ތަމްސީލުކުރައްވާ ކައުންސިލަރު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އޮންނާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެމަނިކުފާނު އެންގެވި ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމަށެވެ.

"ރައީސް ޔާމީނާ އެކު ތިން މަސް ފަހުން ޕީޕީއެމް އިން ވެރިކަމަށް އަންނާނެ. މިނިވަން މުއައްސަސާތައް ހައްގަށް ބަސް ބުނަން އަޒުމު ކަނޑައަޅަންވީ،" ޝުޖާ ވިދާޅުވި އެވެ. "އިންސާފަށް ބަސް ނުބު ނާނަމަ ފަނޑިޔާރެއް، އެހެންތަނެއް ނުބަލާނަން. ކަނޑު ވިއްކާލައިގެން ލާރި ކައިގެން ނުތިބެވޭނެ. އެފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލާނަން."

އޭނަ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ފޮއްޓާ ހަމައަށް ރައްޔިތުންދާ އިރު 2018 ގައި ޔާމީން ވިދާޅުވި ގޮތަށް "ގޭގައި ސިކުނޑި ބާއްވާފައި ވޯޓް ފޮއްޓާ ހަމައަށް ނުދާން" ހަނދާން ކުރަން ޖެހޭ ކަމަށެވެ.

"މިގައުމަކީ ވިއްސަކަށް ބިލިއަން ރުފިޔާ މާލިއްޔަތައް އަހަރަކު ވައްދަމުންދާ ގައުމެއް. ނަމަވެސް ފަސް މިލިއަން މާސްކް ގެންނަން 85 މިލިއަން ހަރަދު ކުރި ސަރުކާރެއް މިއޮތީ،" ޝުޖާ ވިދާޅުވި އެވެ. "އެހައި ފައިސާ ހަރަދު ކޮށްގެން ވެސް މާސްކެއް އަޅަން އަޅުގަނޑުމެންނަށް ލިބުނުތޯ؟ ނުލިބޭ. ފޮތި މާސްކް އަޅައިގެން އުޅެން ޖެހުނީ. އާބާދީގެ ނިސްބަތުން އެންމެ ގިނަ މަރު [ކޮވިޑްގައި] ކުރިމަތިވީ ރާއްޖެ އަށް."

އޭނަ ވިދާޅުވީ އަސާސީ ހިދުމަތްތަކުގެ ބިލް ނުދެއްކި މާލޭގައި އެތައް ރައްޔިތުންނެއް އެބަތިބި ކަމަށާއި ރައީސް ޔާމީން އެޅި ފްލެޓްތައް ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރިކާރުން ވަހަށް ކައިލީ ކަމަށެވެ. އެހެންޗެ ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން ނުޖެހޭނެ ކަމަށް ޝުޖާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު ވާހަކަ ދައްކަމުން ދާއިރުވެސް ފެނިވަޑައިގަންނަވާނެ ބަޔަކު އުޅޭ ހާލު. މިއީ ގައުމަށް ފާއިތުވި ހަތަރު އަހަރު ދިން ގެއްލުމުގައި ބަޔަކު ބައިވެރިވެފައި އޮތުމުން ފެންނަ ހާލަތު." އޭނަ ވިދާޅުވި އެވެ.