ރިޔާސީ ޓިކެޓު އަރުވާ ޖަލްސާއަކަށް އެއްވެސް މަޖުބޫރުކަމެއް ނެތި އެންމެ ގިނަ ރައްޔިތުން ޖަމާވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާއަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު ރޭ ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެރުވުމަށް ޖަލްސާ ބާއްވާފައެވެ. އެހެންނަމަވެސް ޖަލްސާ ފެށުމަށް ކަނޑައެޅި ވަގުތު ހަމަވިއިރުވެސް ގިނަ ގޮނޑިތައް ނުފުރި ހުރުމުން ގޮނޑިތައް ނަގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލްމީޑިއާގައި ވަނީ އާންމު ވެފައެވެ.
ޝިޔާމްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ މިހާތަނަށް 2023 ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވި ހުރިހާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ރިޔާސީ ޓިކެޓު އެރުވުނު ހަފްލާތަކުން މަޖުބޫރުކަމެއްނެތި ހިތުލޯބިން އެންމެގިނަ ރައްޔިތުން ޖަމާވިތަން ފެނުނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ޓިކެޓު އެރުވުނު ކުލަގަދަ ހަފްލާއިން ކަމަށެވެ.
ރައީސް ޔާމީނަކީ 2023 ގެ ރިޔާސީ ޓިކެޓު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ކެންޑިޑޭޓުކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެންމެ ގިނަ ދިވެހިރައްޔިތުން އެބޭފުޅަކަށް ތާއީދު ކުރައްވާ 2023 ކާމިޔާބު ކުރައްވާނެކަމުގެ އެންމެ ބޮޑު އުންމީދަކާ ޔަޤީންކަމެއްވެސް ދިވެހިންނަށް އޮތް ލީޑަރުކަމަށެވެ.
"މިއަދު ދިވެހިން ބަރުދާސްތު މިކުރާ ހިތްދަތި މާޔޫސް އަދި އަޅުވެތި ދުވަސްތައް މަޒީކުރުވާނެ ރައްޔިތުންނަށް މިނިވަންކަމާ އުފާފާގަތިކަން ކަށަވަރުކޮށްދޭނެ އުޖާލާ ޒަމާނެއް މިދީބަށް ހޯއްދަވައިދެއްވާނެ ލީޑަރުވެސް މެއެވެ. ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ގެ ވެރިކަމަށް 4 އަހަރާ 7 މަސްވީއިރު ރައީސް ޔާމީން ނުހައްގުން ޖަލުގައި ގެންގުޅޭތާ 900 އެތައް ދުވަހެއްވީއެވެ." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެމް.އެމް.ޕީ.އާރު.ސީ މައްސަލަ އަކީ ބޮޑު ހިޔާނާތެއް ނަމަވެސް މިސަރުކާރުން އެކަން ހެދީ ސިޔާސީ ތޫނު ހަތިޔާރަކަށް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ހަމައެކަނި ކުށަކީ 2023ގެ ރިޔާސީ ރޭހުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވާ ކަމަށް ރައީސް ސޯލިހަށް ހީފުޅުވުންކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ޔާމީން އެއްވެސް ކެންޑިޑޭޓަކާ ވާދައެއް ނުކުރައްވާ ކަމަށާއި އެމަނިކުފާނު އަބަދުވެސް ވިދާޅުވަނީ ވާދަކުރައްވަނީ ޤައުމުގެހުރި ބޮޑެތި މައްސަލަތަކާކަމަށެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ވައުދުތައް އެބޭބޭފުންގެ އިސްކޮޅާ ނުބައްދަލުކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ގިނަދާއިރާތަކުން ކޮށްދެއްވާނެކަމަށް އެބޭފުޅުން ވިދާޅުވެފައިހުރި ކަންކަމަކީ ރައީސް ޔާމީންގެ ދައުރުގައި އަމަލުން ޖައްސަވާފައިހުރި ބެންޗުމާރކަށްވުރެ ތިރީ ވައުދުތަކެއް ކަމަށެވެ.
"އެހެންކަމުން 9 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމަންޖެހޭ ނިންމުން މާބޮޑަށްވެސް ފަސޭހަވެގެން ހިނގައްޖެއެވެ. ރައްޔިތުން ބޭނުންވަނީ ބަންގީގެ އަޑު އިވޭ މިނިވަން ޖައްވަކަށްނޭވާލާށެވެ. ރައްޔިތުން ބޭނުންވަނީ ފުދުންތެރި އަބުރުވެރި އަމާން ރައްކާތެރި ދިރިއުޅުމެކެވެ. ރައްޔިތުން ބޭނުންވަނީ ލޮލަށްފެންނަ އަތްލެވޭ ތަރައްޤީއެވެ. ރައްޔިތުން ބޭނުންވަނީ އަދި އެއްފަހަރު ރައީސް ޔާމީންގެ އުޖާލާ ޒަޢާމަތެއްގެ ޒަމާނެކެވެ." ޝިޔާމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް އެ ޕާޓީން ބުނެފައިވާއިރު ރައީސް ޔާމީން އަދިހުންނެވީ ޖަލުގައެވެ. އަދި ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ނެތުމުން އެކަމުގެ ކަންބޮޑުވުން ޕީޕީއެމުން އަންނަނީ ފާޅުކުރަމުންނެވެ.