Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

އަންހެން ވޯލްޑް ކަޕަށް ހާއްސަ މަގާމެއް

މި އަހަރުގެ ބާއްވާ އަންހެނުންގެ ވޯލްޑް ކަޕަކީ ކުޅިވަރުގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ ބަޔަކު ބަލާނެ އަންހެނުންގެ ކުޅިވަރު މުބާރާތަށް ވާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައި މައި އިދާރާ ފީފާ އިން ބުންޏެވެ.

ޖުލައި 20 އިން އޮގަސްޓް 20 އަށް އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގައި ބާއްވާ މުބާރާތުގެ 1,032,884 ޓިކެޓް މިހާތަނަށް ވިކިފައިވެ އެވެ. މިއާ އެކީ މި ފަހަރުގެ މުބާރާތް ވާނީ ކުރިން އެންމެ ގިނަ ބަޔަކު ބެލި ފްރާންސްގައި 2019 ގައި ބޭއްވި އަންހެނުންގެ ވޯލްޑް ކަޕަށް ފަހު އެންމެ ގިނަ ބަޔަކު ބަލާނެ މުބާރާތަށެވެ.

މިކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ފާހަގަކުރައްވާފައިވެ އެވެ. އިންސްޓަގްރާމް ޕޯސްޓެއްގައި އޭނަ ވިދާޅުވީ މިކަމުން ދައްކުވައި ދެނީ "ކުރިމަގަކީ އަންހެނުންކަން" ކަމަށެވެ. އަދި މި މުބާރާތް ތާރީހީ ގޮތުން ފާހަގަކޮށްލެވޭ މުބާރާތަކަށް ހަދަން އަންހެން ފުޓްބޯޅައިގެ ފޭނުން ދޭ ސަޕޯޓާއި ލޯތްބަށް ޝުކުރު ވެސް އަދާކުރައްވާފައިވެ އެވެ.

މި އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕްގެ މެޗްތައް ދެ ގައުމެއްގެ 10 ސިޓީއެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މުބާރާތުގައި 32 ގައުމަކުން ވާދަކުރެ އެވެ. މުބާރާތް ހުޅުވާ މެޗްގައި އަންނަ މަހުގެ 20 ގައި ނިއު ޒީލެންޑްގެ އީޑެން ޕާކް ސްޓޭޑިއަމަށް ނުކުންނާނީ ނިއު ޒީލޭންޑާއި ނޯވޭ އެވެ.

އެންމެ ފަހުން ބޭއްވި އަންހެނުންގެ ވޯލްޑް ކަޕްގެ ޗެމްޕިއަނަކީ އެމެރިކާ އެވެ.