Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ވިއްސާރައިގައި ލިބުނު ގެއްލުންތަކަށް މާލީ އެހީ

މިދިޔަ ކުރި ވިއްސާރައިގައި ފޭދޫގެ ގެއެއްގެ ގޯތި ތެރޭގައި ފެންބޮޑުވެފައި. ފޮޓޯ/ އިބްރާހީމް ރަޝީދު

ދާދި ފަހުން ރާއްޖެ އަށް ކުރި ވިއްސާރައިގައި ގެއްލުންތަކެއް ލިބުނު ރަށްރަށުގެ ގޭބިސީތަކަށް މާލީ އެހީ ދެމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެތަނުން ބުނީ ވިއްސާރައިގައި ގެއްލުންވި 116 ގެއަކަށް މާލީ އެހީ ދޭން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ އައްޑޫގެ އަވަށްތަކުގެ ގޭބިސީތަކެވެ. އެގޮތުން ޖުމްލަ ހަ ރަށެއްގެ 116 ގެއަކަށް އެހީގެ ގޮތުގައި 53،1370ރ. ދިނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި އެހީގެ ދަށުން އަައްޑޫގެ ހުޅުދޫން ގެއްލުންވި ގެތަކަށް 8،460ރ، ހިތަދޫން ގެއްލުންވި ގެތަކަށް 42،225ރ، މީދޫން ގެއްލުންވި ގެތަކަށް 1،044ރ، ފޭދޫން ގެއްލުންވި ގެތަކަށް 402،102ރ. އަދި މަރަދޫން ގެއްލުންވި ގެތަކަށް 19،590ރ. ދޭނެ އެވެ. އަދި ގދ. މަޑަވެލިން ގެއްލުންވި ގެތަކަށް 57،949ރ. ދޭނެ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެތަނުން ބުނީ އެހީގެ ގޮތުގައި ދޭ ފައިސާގެ ތެރެއިން 61 ޕަސެންޓަކީ ޢިމާރާތަކަށް ލިބުނު ގެއްލުންތަކަށް ދިން އެހީކަމަށެވެ. އަދި 39 ޕަސެންޓަކީ ގޭގައި ގެންގުޅޭ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް ދިން އެހީ އެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި ފާއިތުވި ދެ މަހުގެ ތެރޭގައި ވިއްސާރައިގައި ގެއްލުމްވެގެން 11 ރަށަކުން 163 ފޯމް ހުށަހެޅި ކަމަށެވެ.