ކާމިޔާބު ވެރިކަމެއް ކުރުމަށް ހަތަރު ކަމެއް ފުރިހަމަ ވާންޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވެފައިވަނީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތުތައް ހަމަވުމަކީ ވަކިކަމެއް ކަމަށާއި، އިންތިހާބުގައި ވާދަކޮށް ކެމްޕޭނެއް ކުރުމަކީ ވަކި ކަމެއް ކަމަށެވެ.
އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންގެ ވޯޓުން ހޮވުމަކީ ވަކި ކަމެއް ކަމަށާއި އަދި ހެޔޮ ވެރިކަމެއް ކުރުމަށް އެނގުމަކީ މުޅިން ވަކިކަމެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި ކާމިޔާބު ވެރިކަމެއް ކުރެވޭނީ މިހުރިހާ ކަމެއް ފުރިހަމަ ކުރެވިގެންކަމަށް އިމްރާން ވިދާޅުވިއެވެ.
Riyasee candidate eh ge sharuthu thah hamavumakee vaki kameh.
Kurimathilaa campaign eh kurevumakee vaki kameh.
Rayyithunge vote in hovumakee vaki kameh.
Heyo verikameh kuran engumakee mulhin vaki kameh.
Kaamiyaabu verikameh kureveynee mi hurihaa kameh furihama kurevigen.
— Imran Abdulla (@ShimranAb) June 10, 2023
އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ހަރަކާތުގައި މީހުން ބައިވެރިވި އަދަދާމެދު ގިނަބައެއް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިމްރާންގެ އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ. މިކޯލިޝަންގައި އެމްޑީއޭވެސް ހިމެނެއެވެ. މީގެ އިތުރުން ޕީޕީއެމްގެ ޓިކެޓުގައި ރައީސް ޔާމީން ޖޭޕީގެ ޓިކެޓުގައި ޤާސިމް އަދި އެމްއެންޕީގެ ޓިކެޓުގައި ނާޒިމް ވާދަކުރައްވައެވެ.