Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ގާސިމުގެ ޓިކެޓު ޖަލްސާ ވަރަށް ކާމިޔާބު

އިލްހާމް އަހުމަދު - ފޮޓޯ: ވަން

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނީ ވަރަށް ކާމިޔާބުކަމާއެކު ކަމަށް ޤާސިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށާއި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ނިމިފައިވަނީ ވަރަށް ކާމިޔާބުކަމާއެކު ކަމަށާއި ޤާސިމް އިބްރާހިމަށް މަރުހަބާ ދަންނަވާކަމަށެވެ.

އިލްހާމް ވަނީ ރަސްމިއްޔާތަށް ވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ. އަދި ޖުމްހޫރީ ޕާޓީ ދާނީ ފަސްބެލުމެއްނެތި، ފާޑުކިޔުންތައް ބަލައިގަންނަމުން، މާޔޫސްވުމެއްނެތި ކުރިޔަށް ކަމަށްވެސް ވިދާޅުވިއެވެ.

"ﷲގެ ހެޔޮ ރަޙުމަތާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ އިން ކާމިޔާބު ކުރާނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ފުރިހަމަ އަޣުލަބިއްޔަތަކުން. ޖުމްހޫރީ ޕާޓީއާއި ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވަކި ކުލައަކަށް، ވަކި ފިކުރަކަށް، ވަކި ވިސްނުމަކަށް، ވަކި ޕާޓީއެއް ބެލުމެއްނެތި އެންމެންނަށް ފުރުޞަތުދޭނެ ޕާޓީއެއް." އިލްހާމް ވިދާޅުވިއެވެ.

މީގެއިތުރުން އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް ވެވަޑައިގަންނަވާ ވައުދުތަކަކީ އަކުރުން އަކުރަށް ފުރިހަމަ ކުރެވިގެންދާނެ ވައުދުތަކެއް ކަމަށެވެ.

ރޭގެ ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލެވުނުކަމަށް އިލްހާމް ވިދާޅުވިއިރު ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދުކަމަށްބުނެ އެކި ފަރާތްތަކުން އަންނަނީ ސޯޝަލްމީޑިއާގައި ފާޑުކިޔަމުންނެވެ.