Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

މަރަދޫ ހިއްކާ ސަރަހައްދުން ވެލި ނަގާތީ އިންޒާރެއް!

މިހާރު ކުރިއަށްދާ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މަރަދޫ ބިން ހިއްކުން ކުރިއަށްދާ އިރު، ހިއްކާ ސަރަހައްދަށް އަޅާފައިވާ ވެލި ބައެއް މީހުން ނަގަމުންދާ ކަމަށް ބުނެ ކައުންސިލުން އިންޒާރު ދީފި އެވެ.

މަރަދޫ އަވަށު އޮފީހުން މިއަދު އާންމުކުރި ކުރި ނޯޓިހެއްގައި ބުނީ ހިއްކާ ސަރަހައްދަށް އަޅާފައިވާ ވެލިގަނޑުން އެކި ފަރާތްތަކުން ވެލި ނަގަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ އެއީ މަނާކަމެއްކަން ހަނދާންކޮށް ދޭ ކަމަށް ވެސް ބުންޏެވެ.

"އަދި މިކަން ކުރާ ފަރާތްތަކާ އެކު ފިޔަވަޅު އެޅޭނެ ވާހަކަ ސަމާލުކަމަށްޓަކައި ދަންނަވަން." އަވަށު އޮފީހުގެ ނޯޓިހުގައިވެ އެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން އެންމެ ފުރަތަމަ ހިއްކަނީ މަރަދު އެވެ. މި މަޝްރޫއު މި މަހުގެ 3 ގައި ރަސްމީކޮށް އިފުތިތާހުކޮށް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އައްޑޫ ބިން ހިއްކަނީ ނެދަލޭންސްގެ ކުންފުނި، ވެން އޫޑްގެ ފަރާތުންނެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ
* ޖުމްލަ 236.5 ހެކްޓަރު ހިއްކުން.
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުން
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 5 ހެކްޓަރުގެ ދެ ރަށް ހިއްކުން
* ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިއުލާންކުރީ ފެބްރުއަރީ 21، 2021 ގައި
* ބިން ހިއްކަން ވެން އޫޑްއާ ހަވާލުކުރީ މާޗް 27، 2022
* ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މެއި 29، 2023 ގައި

މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.