Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ޖޮބް ސެންޓަރަށް ސީއީއޯއަކު ހޯދަނީ

އެމްއެންޔޫގެ "ފަހި ފުރުސަތު" ޖޮބް ފެއާގައި ގަން އެއާޕޯޓް.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޖޮބް ސެންޓަރަށް ސީއީއޯ އަކު ހޯދަން އިއުލާންކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޖޮބް ސެންޓަރަށް ސީއީއޯ އަކު ހޯދަނީ ކޮންޓްރެކްޓް އުސޫލުން ކަމަށެވެ. ކޮންޓްރެކްޓްގެ ދިގު މިނަކީ އެއް އަހަރު ދުވަހެވެ. ނަމަވެސް އޭނާގެ ގާބިލިއްޔަތުކަމަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ޖޮބް ސެންޓަރަށް ހޯދާ ސީއީއޯގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ނެޝަނަލް ޖޮބް ސެންޓަރުގެ ނަމުގައި ސަރުކާރުން އިދާރާއެއް އުފެއްދީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

މިއީ ރާއްޖޭގައި ވަޒީފާ ހޯދަން ބޭނުންވާ މީހުންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވައި ދިނުމަށާއި، މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެން ހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި އިރުޝާދު ދިނުމަށާއި، ވަޒީފާގެ ބާޒާރާ ގުޅުން ހުރި ދިރާސާކޮށް އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، ވަޒީފާއާ ގުޅުންހުރި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރުމަށް އުފެއްދި އިދާރާއެކެވެ.