Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

އިންޓަ ބަލިކޮށް ސިޓީން ޔޫރަޕްގެ ރަސްކަމަށް

އިންޓަ މިލާން 1-0 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައިފި އެވެ.

މިއީ ސިޓީގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގު އެ ކްލަބުން ހޯދި ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގު ތަށްޓާއެކު ސިޓީން ވަނީ މި ސީޒަނުގައި ތިން ތަށި ކާމިޔާބުކޮށް ތާރީހުން ޖާގަ ހޯދައިފަ އެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ސިޓީން ވަނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕް ވެސް ހޯދައިފަ އެވެ. އެއް ސީޒަނެއްގައި މި ތިން ތަށި މީގެކުރިން ހޯދުނު ހަމައެކަނި އިނގިރޭސި ޓީމަކީ މެންޗެސްޓާ ޔުނައިޓެޑެވެ.

ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފެނުނީ ސިޓީގެ ޒުވާން ފޯވާޑް އާލިން ހާލަންޑްގެ ފަރާތުންނެވެ. އެގޮތުން އިންޓަގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ހާލަންޑް ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ އިންޓަގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮޑްރީ އެވެ. ރޮޑްރީ މި ގޯލު ކާމިޔާބު ކުރީ އިންޓަގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ނަތީޖާ އެއްވަރުކޮށްލަން އިންޓަގެ ޑިމާކޯ އަށް ރަނުގެ ފުރުސަތެއް ލިބުނުއިރު އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ލީޑު ފުޅާކޮށްލަން ސިޓީގެ ފިލް ފޮޑެން އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނުއިރު މެޗުގެ 88 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން އިންޓަގެ ރޮމެލޫ ލުކާކޫ އަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ލުކާކޫ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސީދާ ސިޓީގެ ގޯލްކީޕަރު އެޑަސަންގެ ފަޔަށެވެ.

ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ސިޓީން ޔޫރަޕްގެ ރަސްކަމަށް އަރާފައިވާއިރު މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ހޯދި ތިންވަނަ ޗެމްޕިއަންސް ލީގު ތަށްޓެވެ. ގާޑިޔޯލާ ވަނީ މީގެކުރިން ބާސެލޯނާއާއެކު ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.