Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އަލަށް މިއުޒިކް ފޯރަމެއް ބާއްވަނީ

ރާއްޖޭގެ ފުރަތަމަ ފަހަރަށް ބާއްވާ މޯލްޑިވްސް މިއުޒިކް ފޯރަމްގެ ނަމުގައި މިއުޒިޝަނުންނަށް ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

މި ފޯރަމަކީ ބްލިންކްސް މީޑިއާއާއި ނޭޝަނަލް ސެންޓަރ ފޯރ ދަ އާޓްސް ގުޅިގެން ބާއްވާ މޯލްޑިވްސް މިއުޒިކް ފެސްޓުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މޯލްޑިވްސް މިއުޒިކް ފޯރަމް މިމަހުގެ 13 ވަނަ ދުވަހުގެ ފެސްޓިވަލްގެ ކުރިން ޕްރީ އިވެންޓެއްގެ ގޮތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވެ. މި ފޯރަމް އޮންނާނީ ހޮޓެލް ޖެން ގައި އެދުވަހު 15:30 އިން 18:00 އާއި ހަމައަށެވެ.

މި ހަރަކާތުގައި ބައިވެރުވުމަށް ދާދި އަވަހަށް ހުޅުވާލާނެ ކަމަށް މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ހުނަރު ދައްކާލައި އެ މީހުން ކުރިއެރުމުގެ މަގުސަދުގައި ބާއްވާ މިއުޒިކް ފެސްޓިވަލް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 އާއި 16 ގައި އޮލިމްޕަސް ސިނެމާގަ އެވެ. މީގައި ބައިވެރިވާން ބޭނުންވާ މިއުޒިޝަނުންނާއި ބޭންޑްތަކަށް މިހާރު ވަނީ ބައިވެރިވާން ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

މިގޮތުން ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ، މެޒޯ އާއި، ޓްރެފިކް ޖޭމް، ޒާރާ، ޒަކިއްޓެ، ފަސީ ލައިވް ހިމެނެއެވެ. މީގެ އިތުރުންވެސް ޒުވާން ގިނަ ފަންނާނުންތަކެއް ފެސްޓިވަލްގެ ތެރެއިން ހުނަރު ދައްކާލުމަށް ވަނީ ހަމަޖެހިފައިވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށްދާ މިއުޒިކް ފެސްޓިވަލްގައި ހަވީރު 4:00 އިން 6:00 އާންމުކޮށް ހުޅުވާލައިގެން އެންމެންނަށް ވަދެވޭނެއެވެ. ފެސްޓިވަލްގެ ހަރަކާތްތައް އޮލިމްޕަހުގައި ކުރިއަށްދާއިރު މިވަގުތު ފަންނާނުންގެ ހަރަކާތްތައް ބެލުމާއި، ސްޓޯލްތަކަށް ޒިޔާރަތްކޮށް ފަންނާނުންގެ ހަރަކާތްތައް ބެލުމަށް ފުރުސަތު ލިބިގެން ދާނެއެވެ.

ގިނަ ބައެއްގެ އެއްބާރުލުމާއިއެކު ކުރިއަށްދާ މި ހަރަކާތުގެ އިތުރުން "މޯލްޑިވްސް މިއުޒިކް ފެސްޓް" ގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ފަންނުގެ ދަރިންނާއި މިޔުޒިޝަންސް ޔޫނިއަން އޮފް ދަ މޯލްޑިވްސް ހިމެނެއެވެ.