Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ދަރުސްތަކުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުން މަނާކޮށްފި

ދީނީ ދަރުސްތަކުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ރިޔާސީ އިންތިހާބު 2023 ގެ ގަވާއިދުގައި ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ގެޒެޓްކުރި ގަވާއިދުގައި ބުނެފައިވަނީ ދީނީ އެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ.

އަދި ސްކޫލްތަކާއ،ި މަދަރުސާތަކާއ،ި ކޮލެޖުތަކާއ،ި ޔުނިވަރސިޓީތަކާއ،ި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ކިޔަވައިދޭ ތަންތަނާއި އިޖުތިމާޢީ ކަންކަން ހިންގާ ތަންތަން ފިޔަވައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތަކާއި އެ އިދާރާތަކުގެ ގޯތިތެރެ އިންތިޚާބަށް ކެމްޕޭނު ކުރުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް ގަވާއިދުގައިވެ އެވެ.

މީގެއިތުރުން ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައ،ި އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި އަދި ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައި އަދި ބިރުދެއްކުމުގެ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ގަވާއިދުގައި ވަނީ ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެން ނުވާނެ ކަމަށްވެސް ބުނެފަ އެވެ. އަދި މާލީގޮތުން ނުވަތަ މާއްދީ ގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެން ވެސް ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އަދި ކެންޑިޑޭޓަކު ތާއީދު ހޯދުމުގެ ގޮތުން ދައްކާ ވާހަކައެއްގައި ނުވަތަ އެ ނޫން ގޮތަކުން ވެސް އެހެން ކެންޑިޑޭޓެއްގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުމާއި ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ޙަޤީޤަތް އޮޅިގެންދާ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭގޮތުން ނުވަތަ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް މަސައްކަތްކޮށްދޭ ފަރާތަކާ ބެހޭގޮތުން ވާހަކަދެއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.