Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ދީޕިކާގެ މަތިން ޑީޒެލް ހަނދާން އާކޮށްފި

އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ކުޅުނު ހޮލީވުޑްގެ ފިލްމު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގެ އެކްޓަރު/ޕްރޮޑިއުސަރު ވިން ޑީޒެލް އޭނަގެ މަތިން ހަނދާންކޮށްފި އެވެ.

ދީޕިކާއާ އެކީ ނަގާފައިވާ ފޮޓޯއަކާ ޑީޒެލްގެ އިންސްޓްގްރާމް ސްޓޯރީގައި ބުނީ ދީޕިކާ އޭނަ އިންޑިއާ އަށް ވެސް ގެންދިޔަ ކަމަށާއި އެ ދަތުރު ވަރަށް ހިތްގައިމު ކަމަށެވެ. ދެހާސް ސަތާރައިގައި ރިލީޒްކުރި "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގެ ޕްރޮމޯޝަނަށް ދީޕިކާއާ އެކީ ޑީޒެލް އިންޑިއާ އަށް ގޮސް ދެ ތަރިން އެކީގައި ވަރަށް ފޯރީގައި ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތްތައް ބޭއްވި އެވެ. އޭރު އެ މީހުންގެ ކެމިސްޓްރީގެ ވާހަކަ ވެސް ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވިފައިވެ އެވެ.

ޑީޖޭ ކަރޫސޯ ޑައިރެކްޓްކުރި މި ފިލްމަކީ ދީޕިކާ މިހާތަނަށް ކުޅުނު ހަމައެކަނި ހޮލީވުޑް ފިލްމެވެ. "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އަކީ "ޓްރިޕްލް އެކްސް" ސީރީޒްގެ ތިން ވަނަ ފިލްމުގައި އޭގައި ދީޕިކާ ކުޅުނީ ސެރީނާ އަންގާ ކިޔާ ކެރެކްޓާއެކެވެ. މީގެ ކާސްޓްގައި ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ އާއި ކްރިސް ވޫ އާއި ޑޮނީ ޔެން އާއި ސެމުއެލް އެލް ޖެކްސަނާއި އަދި ނީނާ ޑޮބްރޭވް ފަދަ ތަރިން ހިމެނެ އެވެ.

ޖުމްލަ 85 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 346.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އެއްޗެކެވެ.

"ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގެ ކާމިޔާބީއާ ގުޅިގެން މި ސީރީޒްގެ ކުރިއަށް އޮތް ބައިން ވެސް ދީޕިކާ ފެނިދާނެކަމުގެ އިޝާރާތްތަކެއް ޑައިރެކްޓަރު މީގެ ކުރިން ތަކުރާރުކޮށް ދީފައިވެ އެވެ. އެކަމަކު މިހާތަނަށް އަދި "ޓްރިޕްލް އެކްސް" ގެ ހަތަރު ވަނަ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް ނުދެކެވެ އެވެ.

މީގެ ބަތަލު ޑީޒެލްގެ އެެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ފާސްޓް އެންޑް ފިއުރިއަސް" ސީރީޒްގެ އެންމެ ފަހިގެ ފިލްމު "ފާސްޓް އެކްސް" އެވެ.

މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ކަމަށްވާ ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން ޝާހްރުކް ޚާންގެ "ޕަތާން" އެވެ. އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ރިތިކް ރޯޝަންގެ "ފައިޓާ" އާއި ޕްރަބާސްގެ "ޕްރޮޖެކްޓް ކޭ" ހިމެނެ އެވެ.