Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޖޭޕީ އަކީ ސަރުކާރުން ފައިދާ ނަގާ ޕާޓީއެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ މި ސަރުކާރުގެ ސިޔާސަތުތައް ތާއީދުކޮށް އޭގެ ފައިދާ ނަގަމުންދާ ޕާޓީއެއް ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރައީސް މުހައްމަދު ސައީދު ފާޑު ވިދާޅުވެއްޖެ އެވެ.

މާވަށު ދާއިރާގެ މަޖިލިސް މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކަނޑުން ބައެއް ސަރުކާރުން ގެއްލުވާލި އިރު، އެކަން އެންޑޯޒްކޮށް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް ޖޭޕީން ފައިދާ ނަގަމުންދާ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އިބްރާހީމްގެ ޕާޓީއާ ބެހޭ ގޮތުން ސައީދު ވިދާޅުވީ ޖޭޕީ އަށް ގައުމީ މަސްލަހަތު ފެންނަަންވީ އިންތިހާބުގެ ޕޯޑިއަމަކުން ނޫން ކަމަށެވެ. ނަމަވެސް ގައުމުގައި މި ވަގުތު ހުރި ބޮޑެތި ކަންބޮޑުވުންތަކާ މެދު ޖޭޕީ އޮތީ ވަރިހަމަވެގެންތޯ ސުވާލު ކުރައްވާފައިވެ އެވެ.

"އުތުރު ތިލަފަޅު އެއްބަސްވުން، ހަނިމާދޫ އެއާޕޯޓުގެ އެއްބަސްވުން، ހައިޑްރޯގަރަފީގެ އެއްބަސްވުން، ޖުމްހޫރީ ޕާޓީ އަށް ފެނި އެކަންކަން ވަރިހަމަވީތޯ؟" ސައީދު ވިދާޅުވި އެވެ. "ޤައުމަށް ޤައްދާރުވުމުގައި 1988 އާއި މިއަދުގެ ތަފާތަކީ ނޮވެމްބަރު 3 ގައި ކަނޑިބަޑިން ދިވެހިންގެ ލޭ ދިވެހި ބިމަށް އޮހޮރުވާލުން."

އޭނަ ވިދާޅުވީ ޖޭޕީ ހިމެނޭ ސަރުކާރުގެ މިހާރުގެ ކޯލިޝަނުން މިއަދު ދިވެހިންގެ މުސްތަގުބަލު ވިއްކާލައި ރަހުނު ވެސް ކޮށްފައިވާ ކަމމަށެވެ. އެހެންވެ ޖޭޕީން ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަން ނުޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.

"[ޖޭޕީން] އިންތިހާބުގެ ވާހަކަ ނުދައްކަވާ." އޭނަ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމު ވާދަކުރައްވާތީ، އެމްޑީޕީއާ އެކީ ކޯލިޝަން އާ ނުކުރަން ޖޭޕީން ވަނީ ނިންމައިފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ގާސިމަށް ޖޭޕީގެ ރިޔާސީ ޓިކެޓް ވެސް އަރުވައިފަ އެވެ.