Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ބޭރުގެ އިތުރު ފިލްމު ފެސްޓިވަލަކަށް ހުޅުވާލައިފި

ރާއްޖެ އިން ބޭރުގައި ބާއްވާ ފިލްމު ފެސްޓިވަލެއްގައި ބައިވެރިވާން ރާއްޖެ އަށް ފުރުސަތު ލިބިފައިވާތީ އޭގައި ބައިވެރިވާން ނެޝަނަލް ސެންތަ ފޯ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މި ފެސްޓިވަލަކީ ފާން މީޑިއާ ޑިސްކަވަރީ ޕްލެޓްފޯމު އިންތިޒާމުކޮށްގެން ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވާ 10 ވަނަ ޝާރްޖާހް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ފޯ ޗިލްޑްރެން އެންޑް ޔޫތު" ކަމަށެވެ. ފެސްޓިވަލް ހާއްސައީ އުމުރުން 12-20 އަށެވެ.

އެހެންވެ އެ އުމުރުފިރާ އަށް ހާއްސަ އުފެއްދުން ހުށަހަޅަން އަންނަ މަހުގެ 22 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ފެސްޓިިވަލް އޮންނާނީ މި އަހަރުގެ އޮކްޓޯބަރު 22-28 އަށެވެ. އެންސީއޭ އިން ބުނީ ބައިވެރިވާން އެޕްލައި ކުރުމަށް ފަހު، އެކަން މި މެއިލް [email protected] މެދުވެރިކޮށް އަންގައިދޭން އެދޭ ކަމަށެވެ.

ފެސްޓިވަލްގައި ބައިވެރިވާން އެޕްލައި ކުރާނީ މި ލިންކް siff.ae/junior-jurors-rules-and-regulation-2023 މެދުވެރިކޮށެވެ.

ޖޯޑަންގައި ބާއްވާ "ސެކަންޑް އެޑިޝަން އޮފް ދަ ޗިލްޑްރެން ފިލްމު ފެސްޓިވަލް" ގައި ވެސް ބައިވެރިވާން ރާއްޖެ އަށް ފުރުސަތު ލިބިފައިވާތީ އެންސީއޭ އިން މިދިޔަ މަހު އޭގައި ބައިވެރިވާން ވެސް ހުޅުވައިލި އެވެ.