ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުﷲ ޖަމީލު މިއަދު އަވަހާރަވުމާ ގުޅިގެން ރަސްމީ އިއްޒަތުގައި ޖަނާޒާ ބާއްވަން ނިންމައި އަންނަ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަހަށް ގައުމީ ދިދަ ބައި ދަނޑި އަށް ތިިރިކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ޖަނާޒާ ބޭއްވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައި ކަމަށާއި މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަފި ކަށުނަމާދު އޮންނާނީ މިއަދު ޢަޞްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލަކީ، 54 އަހަރަށް ވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް އެ މަނިކުފާނު އެންމެ ފުރަތަމަ ފެށްޓެވީ މެއި 6، 1953 ގައި ވުޒާރަތުލް މުވާޞަލާތުގެ އޮބްޒަވަރެއްގެ ވަޒީފާއިންނެވެ.
ދޮޅު އަހަރެއްހާ ދުވަހު އެ ވަޒީފާގައި ޚިދުމަތް ކުރެއްވުމަށް ފަހު، ދެން ބަދަލުވެވަޑައިގަތީ، ވުޒާރަތުލް މާލިއްޔާގެ ކާތިބެއްގެ ވަޒީފާއަށެވެ. އޭގެފަހުން ސަރުކާރުގެ އެކި އިދާރާތަކުގެ ތަފާތު މަގާމުތައް ފުރުއްވިއެވެ. އެގޮތުން، ފުރުއްވި މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޒަމްގެ އޮފީހުގެ ސެކްރެޓެރީކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ސެކްރެޓެރީ ކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ކޮޔަރ އެންޑް ކަވަރީޒް އެޑްވައިޒަރީ ބޯޑުގެ ހއ. މެންބަރުކަމާއި، އެ ބޯޑުގެ ތ. އަތޮޅު މެންބަރު ކަމާއި، ސިނަމާ ކުންފުނީގެ ވިޔަފާރީގެ މެނޭޖަރު ކަމާއި، ޤައުމީ ކުންފުނީގެ ވިޔަފާރި މެނޭޖަރު ކަމާއި، ޤައުމީ ކުންފުނީގެ 1 ނަންބަރު މަސް ފިހާރައިގެ މެނޭޖަރުކަން ހިމެނެއެވެ.
ޢަބްދުﷲ ޖަމީލަކީ، ރައީސް އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ ދައުރުގައި ވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. ނޮވެމްބަރު 11، 1968 ގައި ނާޞިރު، ރައީސްލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޢަބްދުﷲ ޖަމީލް ހަމަޖެއްސެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޚާއްޞަ ވަކީލު ކަމުގެ މަގާމަށެވެ. އެއީ ނޮވެމްބަރު 13، 1968 ގަ އެވެ. އޭގެ ފަހުން، އެ މިނިސްޓްރީގެ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލު ކަމުގެ މަގާމާއި، އޯޑިޓް އޮފީހުގެ ވެރިޔާ ކަމުގެ މަގާމާއި، ޕަބްލިކް މެއިންޓެނަންސް ޑިވިޜަން (ހ)ގެ ވަކީލު ކަމުގެ މަގާމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިންގ ޑިޕާޓްމަންޓްގެ ވަކީލު ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.
ނޮވެމްބަރު 11، 1978 ގައި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓެރީ ކަމުގެ މަގާމަށެވެ. އޭގެ ފަހުން ޑިސެންބަރު 16، 1978 ގައި ރައީސްގެ އެގްޒެކެޓިވް ސެކްރެޓެރީ ކަމުގެ މަގާމަށް އެމަނިކުފާނު ބަދަލުކުރެއްވިއެވެ. އަދި ނޮވެމްބަރު 11، 1982 ގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްކަމުގެ މަގާމަށް އެ މަނިކުފާނު ޢައްޔަން ކުރެއްވި އެވެ.
ނޮވެމްބަރު 11، 1983 ގައި ރައީސް މައުމޫން، ދެވަނަ ދައުރަކަށް ރައީސްކަގެ މަގާމުގެ ހުވާ ހުވާކުރެއްވުމަށް ފަހު، އެ މަނިކުފާނުގެ ކެބިނެޓްގައި ޢަބްދުﷲ ޖަމީލް ހިމެނުއްވި އެވެ. ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ހެލްތުގެ މަގާމަށެވެ. އޭ ގެފަހުން ރައީސް މައުމޫންގެ ރިޔާސީ ތިންވަނަ ދައުރުގެ ކެބިނެޓް އެކުލަވައިލެއްވިއިރު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަގާމަށެވެ. އޭގެފަހުން މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ޓޫރިޒަމް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމާއި، އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ހައުސިންގ ކަމުގެ މަގާމު އެ މަނިކުފާނު ފުރުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެއޮފީހުގެ މިނިސްޓަރު ކަމުގެ މަގާމާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުވެސް އެ މަނިކުފާނު ފުރުއްވައިފައި ވެއެވެ. މީގެއިތުރުން، ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމުގެ މަގާމާއި، މާފަންނު އަވަށު އޮފީހުގެ ވެރިޔާކަންވެސް ކުރައްވައިފައި ވެއެވެ.
ޢަބްދުﷲ ޖަމީލަކީ، ރައްޔިތުންގެ މަޖިލީހުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން، 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައި ވެއެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން، 14 އަހަރަށްވުރެ ގިނަދުވަހު އެ މަނިކުފާނު ވަނީ ކުރައްވައިފަ އެވެ.
ޢަބްދުﷲ ޖަމީލަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ. އަދި އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައި ވަނީ ނޮވެމްބަރު 10، 2008 ގަ އެވެ.
އަބްދުﷲ ޖަމީލަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ އަދި "ތައުލީމު ދިޔާނާ" ލިޔުއްވި މުހައްމަދު ޖަމީލްދީދީގެ ދޮށީ ދަރިކަލުންނެވެ.