Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރިޔާސަތުގައި އިންނަން ނަޝީދު އުޒުރުވެރިވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް މިއަދު މަޖިލީހަށް އަންގަވައިފި އެވެ.

މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ އަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާތީ މި ހާލަތުގައި ރިޔާސަތު ބެލެހެއްޓެވެމުން އުޒުރުވެރިވެވަޑައިގަތުމަކީ ލިިބިވަޑައިގަންނަވާ އިހުތިޔާރެއް ކަމަށެވެ.

"އެ މައްސަލައަށް ވަކި ގޮތެއް ނިމުމާ ހަމައަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އަޅުގަނޑު އުޒުރުވެރިވަމެވެ. މަޖިލީހުގެ ގަަވައިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޅުގަނޑަށް މި އިހްތިޔާރު ލިބޭ ކަމަށް ދެކެން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރިޔާސަތުގައި އެ މަނިކުފާނު ނެތް ނަމަވެސް މަޖިލީހުގެ ގަވައިދު ބަޔާންކުރާ މިންވަރުގައި ހުރިހާ ކަމެއް ހިންގެވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހިނގަމުންދާއިރު ކަމަނާގެ މަސްއޫލިއްޔަތުތަކަށާއި ވާޖިބުތަކަށް ކުޑަވެސް ހުރަސް އެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން 54 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ. އަދި އެ މައްސަލަ ގަވާއިދާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައިވެ އެވެ.

އެމްޑީޕީން އޮތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް މަގާމުން ވަކިކުރަން ހުށަހަޅައިފަ އެވެ.