ރަޝިއާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ އެމެރިކާގެ މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.
މީޑިއާތަކުން ބުނީ ޒުވާނުންނަށް އަމާޒުކޮށްގެން މޮސްކޯގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ ޓްރާވިސް މައިކަލް ލީކް ކިޔާ މީހެއް ކަމަށެވެ. އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ މޮސްކޯގެ ޙަމޯވްނިކީ ޑިސްޓްރިކްޓް ކޯޓަށް ހާޒިރުކުރުމުން އޮގަސްޓް މަހުގެ 6 އާ ހަމައަށް މުއްދަތު ޖަހައި ދީފައިވެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ރަޝިއާ އިން ހައްޔަރުކުރި އެމެރިކާގެ މީހާ އަކީ ކުރިން ޕެރަޓްރޫޕާއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، ފަހުން ރޮކް ބޭންޑެއްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. އޭނަގެ އާއިލާ އިން ބުނީ މައިކަލް ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސަމާލު ކަމަށް ވެސް އައި ނަމަވެސް އެތަނުން މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.
އެމެރިކާ އާއި ރަޝިއާ އަކީ ވަރުގަދަ ދެ ހަތުރުންނެވެ.