Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕަށް ހުޅުވާލައިފި

މަތީ ތަޢުލީމުގެ މަރުހަލާ ފުރިހަމަކޮށް ނުވަތަ ފުރިހަމަ ކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް ކުރިއަށްގެންދާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމެއެލްގެ މި ޕްރޮގްރާމަކީ، މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށާއި، ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރު ދުވަހުގެ މުއްދަތައް ހިންގާ ބީއެމްއެލް އިން ހިންގާ ޕްރޮގްރާމެކެވެ. މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ މާހައުލުގައި ޢަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ އެހެން އިދާރާއެއްގައި ދާއިމީ ވަޒީފާ ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ. މި އިންޓާންޝިޕްގެ މުއްދަތުގައި ބީއެމްއެލްގެ އެކި ޑިޕާޓްމެންޓްތަކާއި ބްރާންޗުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދެއެވެ.

ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއް ގޮތުގައި އެކުންފުނިން ދެކެވެ. މީގެ ސަބަބެއް ގޮތުގައި ކުންފުނީގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރ ސަހާ ވަހީދު ވިދާޅުވީ، މިހާތަނަށް 2018 ވަނަ އަހަރުން ފެށިގެން 42 ބައިވެރިން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 70 އިންސައްތަ ބައިވެރިންނަށް ބޭންކުން ދައިމީ ވަޒީފާ ހަމަޖެހިގެން ދިޔަކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ޕެއިޑް އިންޓާންޝިޕް ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގެ ބައިވެރިންނަށް މަހަކު 6000ރ. ލިބޭއިރު ޕެއިޑް ލީވް އަދި ރޯދަ އެލަވެންސް ލިބެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް އެކުންފިނިން ބުނެއެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރީން ބީއެމްއެލް ވެބްސައިޓުގެ ކެރިއާސް ޓެބް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ.