Last Updated: June 7, 18:41
Sunday, June 7, 2026
ރިޕޯޓް

ހިއްކާ ސަރަހައްދަށް ވަނުން މަނާ، ނުރައްކާތެރި ކަމެއް!

މިހާތަނަށް އައްޑޫގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މިއީ އައްޑޫގައި އަލަށް ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢު އަކަށް ނުވި ނަމަވެސް، މިފަދަ ބިޔަ މަޝްރޫޢުތައް މުޅި އަހަރު ނުހިނގައެވެ. އެހެން ކަމުން މިފަދަ މަޝްރޫޢުތައް ކުރިއަށްދާ އިރު ރައްޔިތުން ސަމާލުކަން ދޭން ޖެހޭ ކަންކަން އެބަހުއްޓެވެ.

މިގޮތުން މިއަދު އައްޑޫސިޓީ ކައުންސިލް މެދުވެރިކޮށް ވެން އޫޑް ކުންފުނިން ވަނީ ބިން ހިއްކަމުންދާ ސަރަހައްދަކީ މަސައްކަތް ކުރަމުންދާ ސައިޓަކަށް ވުމުން އެ ސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮސްފައެވެ. މިފަދަ އިލްތިމާސެއްކޮށް އެ ސަރަހައްދުގައި މިވަގުތު މަސައްކަތް ކުރިއަށްދާއިރު ދިމާވެދާނެ ހިރާސްތައްވެސް އެކުންފުނިން ވަނީ ފާހަގަކޮށްދީފައެވެ. އެކުންފުނިން މިފަދަ ހިރާސްތައް ފާހަގަކޮށްފައިވަނީ އެ ސަރަހައްދަށް ހުއްދަ ނެތި ވަންނަ މީހުން އިތުރުވެފައިވާތީއެވެ. އެގޮތުން އެ ސަރަހައްދު ބަލާލުމަށް ބައެއް ފަރާތްތަކުން ވަދެ އުޅޭއިރު މަސްވެރިކަމުގައިވެސް ބައެއް ފަރާތްތަކުން ހަރަކާތްތެރިވެއެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ މަރަދޫ އަދި މަރަދޫ-ފޭދޫ ސަރަހައްދުގައެވެ. މިސަރަހައްދުގައި 76 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި ސަރަހައްދުގައި ހިއްކަމުންދާއިރު ހެވީ ވެހިކަލްތަކާއި، ބޮޑެތި ހޮޅިތަކާއި އަދި ހިލަ އުފުލަން ބޭނުން ކުރާ ބޮޑެތި ލޮރިތައް ބޭނުން ކުރަމުންދާނެއެވެ.

އަދި މިފަދަ އުޅަނދުތައް އެ ސަރަހައްދުގައި ދުއްވަމުން ދާނީ މަސައްކަތުގެ ބޭނުމަށް ކަމުން، ކުންފުނިން ވަކި މަގުތަކެއް ހަދައި ވަކި އުސޫލެއްގައި ބޭނުން ކުރާ ވެހިކަލްތައް ދަތުރު ކުރާއިރު އާންމުން ހުރަސް ކުރުމަކީ ރައްކާތެރިކަމަކަށް ނުވާނެއެވެ.

މީގެ އިތުުރުން މިއީ ހިއްކަމުންދާ ސަރަހައްދަކަށްވާއިރު، ވެލިގަނޑު އަދި އެއްކޮށް ކޮމްޕެކްޓު ނުވާނެއެވެ. އެހެން ކަމުން ދުއްވާ އުޅަނދު ނުވަތަ ވަންނަ މީހާ ގަނބައި އަނިޔާއެއް ވުމުގެ ފުރުސަތު ބޮޑެވެ.

ހުރިހާ ރަށެއްގައިވެސް ހިއްކާ ސަރަހައްދަކީ ބޮޑު ސަރަހައްދެކެވެ. އެހެން ކަމުން ފެންސް ޖަހައި މުޅިން އެއްކޮށް މި ސަރަހައްދު ނުބެލެހެއްޓޭނެ ކަމަށް ވެން އޫޑް ކުންފުނިން ބުނެއެވެ. ނަމަވެސް އޮޅިގެންވެސް ބަޔަކަށް ވަދެވިދާނެ ކަމަށް ބަލައި، މަރަދޫގެ ފުއްޓަރާއި ދިމާލުން މަގުތަކުގައި ސައި ބޯޑުތަކާއި ކޯނުތައް ޖަހައި ހުއްދަ ނެތި ނުވަނުމަށް އަނގައި އެޅެން ހުރި ފިޔަވަޅުތައް ވަނީ އަޅާފައެވެ.

މަޝްރޫޢުގެ މަސައްކަތް ނިމެންދެން މި ސަރަހައްދަށް ނުވަނުމަށް ވެން އޫޑުން އަނގާއިރު މި ސަރަހައްދުން ވެލި ނަގާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލާގައި މިފަދަ އަމަލުތައް ނުކުރުމަށާއި، އެކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް މަރަދޫ އަވަށު އޮފީހުން ވަނީ އަނގާފައެވެ.