Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އެމްއޭސީއެލް އިން ރޯޑް ސޭފްޓީ ޕްރޮގްރާމެއް ފަށައިފި

އެމްއޭސީއެލް ރޯޑް ސޭފްޓީ ޕްރޮގްރާމު ފެށުމުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން މަގުމަތީ ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް އެމްއޭސީއެލްއިން ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ވެލާނާ އެއަރޕޯޓުގައި ބޭއްވި ރަސްމީއްޔާތުގައި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުލް ރަހްމާން އެވެ. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަކޮށްގެން ބިނާރު ނަމުގައި މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތައް ކުރިއަށް ގެންދަން އެމްއޭސީއެލްއިން ވަނީ ހާއްސަ ކެމްޕެއިނެއް ވެސް ފަށާފައެވެ. މި ކެމްޕެއިންގެ ހަރަކާތެއްގެ ގޮތުން މިއަދު އިފްތިތާހުކުރި ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމްގެ ދަށުން ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި އާންމު މުވައްޒަފުންނާއި ޑްރައިވަރުންނަށް ހާއްސަ ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ތޯހާ ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ޤަވާއިދުތަކަށް ބޯލެނބުމާއި، ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލާފައެވެ. އަދި ހިނގާފައިވާ ގިނަ އެކްސިޑެންޓްތަކަކީ ބަލަންވާވަރަށް ނުބަލާ ދުއްވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކެއްކަން ފާހަގަކޮށް އެއަރޕޯޓުގެ މަގުތަކުގައި ހިނގާފައި ދާއިރު ބޮޑެތި ބަސްތަކާއި އުޅަނދުތައް ގިނައިން ދަތުރުކުރާތީ އެކަމަށް ސަމާލުވުމަށްވެސް ތޯހާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެމްއޭސީއެލް ރޯޑް ސޭފްޓީ ޕްރޮގްރާމު ފެށުމުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަބްދުލް ރަހްމާން ވާހަކަދައްކަވަމުން މުވައްޒަފުންގެ ކިބައިން އެދިވަޑައިގަތީ ފަރުދުންނަށް ނުރައްކާވެދާނެ ސަބަބުތައް ދެނެގަތުމުގައި ބޮޑު އަހަންމިއްޔަތެއް ދެއްވުމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ ކަންތައްތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެދިވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމަކީ މަގުމަތީ ރައްކާތެރިކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހި ފުލުހުން މުއައްސަސާތަކާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމުތަކުގެ ތެރެއިން އިފްތިތާހް ކުރެވުނު ޕްރޮގްރާމެކެވެ. މިކަމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ރޯޑް ސޭފްޓީ އެންޑް ޕްރިވެންޝަންއިން ދަނީ ހެދިފައިވާ ޤަވާއިދުތަކަށް އާންމުން ހޭލުންތެރިކޮށް ތަންފީޒު ކުރުމަށް ގިނަ މަސައްކަތަކެއް ކުރަމުންނެވެ.