ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި އުފުލާލައި އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް ސާބިއާގެ ނޮވަކް ޖޮކޮވިޗް ހޯދައިފި އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދިޔަ މި މުބާރާތް ޖޮކޮވިޗް ކާމިޔާބު ކުރީ ނޯވޭގެ ކެސްޕާ ރަޑްއާ ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ސެޓް ޖޮކޮވިޗް ކާމިޔާބު ކުރީ 7-6 އިންނެވެ. ދެވަނަ ސެޓު ފަސޭހަކަމާއެކު 6-3 އިން ޖޮކޮވިޗް ގެންދިޔައިރު ފަހު ސެޓް އޭނާ ކާމިޔާބު ކުރީ 7-5 އިންނެވެ.
މިއީ ޖޮކޮވިޗް ،36، ގެ ކެރިއަރުގައި ކާމިޔާބު ކުރި 23 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. ދެވަނަ އަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވަނީ ސްޕެއިންގެ ރަފޭލް ނަޑާލް އެވެ. އެއީ 22 ގްރޭންޑް ސްލޭމް މުބާރާތެވެ.
ފްރެންޗް އޯޕަން ތިންވަނަ ފަހަރަށް ހޯދުމާއެކު ޖޮކޮވިޗަށް މިހާރު ވަނީ އަލުން ޓެނިސް ރޭންކިންގެ އެއްވަނަ ވެސް ލިބިގެން ގޮސްފަ އެވެ.