Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާ "ހެޑްސް އޮފް ސްޓޭޓް" ގެ ޝޫޓިން ފަށައިފި

މިދިޔަ އެޕްރީލް މަހު އިއުލާންކުރި ޕްރިޔަންކާ ޗޯޕްޅާގެ ހޮލީވުޑް ފިލްމު "ހެޑްސް އޮފް ސްޓޭޓް" ގެ ޝޫޓިން ފަށައިފި އެވެ.

މީގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް، ފިލްމުގެ މަސައްކަތް ކުރިއަށްދާކަން ހުނަރުވެރި ބަތަލާ ފޭނުންނާ ހިއްސާކޮށްފައިވެ އެވެ. އެކްޝަން ތުރިލާއެެއްގެ ގޮތުގައި ހަދާ "ހެޑްސް އޮފް ސްޓޭޓް" ގެ ކާސްޓްގައި މަޝްހޫރު ތަރިން ކަމަށްވާ އިޑްރިސް އެލްބާ އާއި ޖޯން ސީނާ ވެސް ހިމެނެ އެވެ.

އެމެޒޯން ސްޓޫޑިއޯސް އިން ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ 2021 ގެ އެކްޝަން ތުރިލާގެ "ނޯބަޑީ" ގެނެސްދިން އިލިއާ ނައިޝްލާ އެވެ. "ހެޑްސް އޮފް ސްޓޭޓް" ސްކްރީންޕްލޭ ލިޔުނީ ޖޯޝް އެޕަލްބޯމް އާއި އެންޑްރީ ނިމިކް އެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިފައިވާ ފީޗާ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ލަވް އެގެއިން" އެވެ. އަދި އެޕްރީލްގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން އޭނަގެ ސީރީޒް "ސިޓަޑެލް" ވެގެން ގޮސްފައި ވަނީ ވަރަށް ކާމިޔާބު އެއްޗަކަށެވެ. އެހެންވެ އޭގެ ދެވަނަ ސީޒަނެއް ވެސް ހަދަން އޮތީ ނިންމައިފަ އެވެ.

ޕްރިޔަންކާ ސޮއިކޮށްފައިވާ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި އެންތަނީ މެކީ ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ "އެންޑިން ތިންގްސް" ހިމެނެ އެވެ.

މި އަހަރުގެ ފަހުކޮޅު ޕްރިޔަންކާ ބޮލީވުޑްގެ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" ގެ ޝޫޓިން ވެސް ފަށާނެ އެވެ.