އޭއެފްސީ ޗެލެންޖް ކަޕް ބޭއްވުމަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީކޮށް އެތަނުގައި ދާއިމީ ލައިޓް ހަރުކުރުމަށް މިދިޔަ އޮގްސްޓް މަހު ބިޑަށް ހުޅުވާލާނެކަމަށް ޔޫތު މިނިސްޓްރީން ބުނި ނަމަވެސް އަދި ލައިޓް ޖެހުމަށް ބިޑަށް ހުޅުވާ ނުލާކަމަށް ކުޅިވަރާއި ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް ވިދާޅުވީ "އައްޑޫ ސްޓޭޑިއަމް"ގައި ދާއިމީ ލައިޓިން ޖެހުމަށް އަދި ހުޅުވާނުލި ނަމަވެސް އެކަމަށް މިނިސްޓްރީން ތައްޔާރު ވަމުން އަންނަ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ލައިޓް ޖެހުމަށް ހުޅުވާލެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާކަމަށެވެ.
އޭއެފްސީ ޗެލެންޖް ކަޕަށް ސްޓޭޑިއަމްގައި ވަނީ ވަގުތީ ލައިޓް ތަކެއް ހަރުކޮށްފައެވެ. ލަންކާގެ ކުޅިވަރާއި ބެހޭ އިދާރާގެ އެހީއާއި އެކު ބެހެއްޓި ލައިޓިން ސިސްޓަމް ވަނީ އަނބުރާ ގެންގޮސްފައެވެ.
މަލީހް ވިދާޅުވީ މިއަހަރު ފަހުކޮޅު ރާޖަޕަކްސް އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް އައްޑޫ ސްޓޭޑިއަމްގައި ބޭއްވުމަށް ކުރިން ނިންމި ނަމަވެސް އެ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި މުބާރާތް ބާއްވާނެ ވަކި ތާރީހެއް އަދި ލިބިފައި ނުވާ ކަމަށް މަލީހް ވިދާޅުވިއެވެ.
އައްޑޫ ސްޓޭޑިއަމް ތަރައްޤީ ކުރި އިރު ކުރިން ދަނޑުގައި ޖަހާފައިވާ ހުރި އެއްވެސް ލައިޓެއް މިހާރު ބޭނުމެއް ނުކުރެވެއެވެ. އެހެންވެ ރޭގަނޑު ސްޓޭޑިއަމްގައި އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވެއެވެ.