މާލެ ސަރަހައްދުުގެ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިގިލިން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީން ބަލައި ގަންނާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00-12:00 އަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި 1444 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އެންގިފައި ނުވާ ފަރާތްތަކަކީ މި ވަގުތު ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް ކަމަށެވެ. އެހެންވެ އެފަދަ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެ އެވެ.
ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހެނީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން ދަފުތަރުގައި ރަޖިސްޓްރީވީ ފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ އާއިލާތަކާއި 65 އަހަރު ފުރޭ ނުވަތަ ފުރިފައިވާ މީހުން ހިމެނޭ އާއިލާތަކުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އަލުން ދަފުތަރުގައި ރަޖިސްޓްރީކުރަން ޖެހެނީ މިހާރު މާލޭގައި ދިރިނޫޅޭ ފަރާތްތަކާއި ދަފުތަރުގައި ރަޖިސްޓްރީކުރި ފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކާއި މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަކުންނެވެ.
ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.