Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ވެމްކޯ އިން ދެކުނަށް އާ ވެހިކަލްތަކެއް ގެންނަނީ

ވެމްކޯގެ ވެހިކަލަކަށް ފޭދޫ ގެއަކުން ކުނި އަރުވަނީ.

ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އާއި ފުވައްމަލަކުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ގިނަ އަދަދެއްގެ ވެހިކަލްތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެމްކޯ އިން ބުނެފި އެވެ.

އެ ކުންފުނީގެ އެސިސްޓަންޓް މެނޭޖަރު މޫސާ މުހައްމަދު "އައްޑޫ ލައިވް" މިއަދު އަށް ވިދާޅުވީ ވެހިލްތަކުގެ ދަތިތަކަމާ ހުރެ ކުނި ނެގުމުގެ މަސައްކަތަށް މިހާރު ދެ ސިޓީ އަށް 26 ވެހިކަލް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ބަޖެޓް ވެސް ހަމަޖެހި ތަކެއްޗަށް އޯޑަރު ވެސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ އެއްޗެހި ލިބި މިހާރަށް ވުރެ ރަނގަޅަށް ކުނި ނެގުމުގެ މަސައްކަތް ކުރެވޭނެ." މޫސަ ވިދާޅުވި އެވެ.

މޫސަ (ވ) އައްޑޫ މޭޔަރު އަލީ ނިޒާރާ އެކީ.

އޭނަ ވިދާޅުވި ގޮތުގައި އަލަށް ގެންނަ ވެހިކަލްތަކުގެ ތެރޭގައި މިހާރު ވެސް ބޭނުންކުރާ ކަހަލަ އިންސިނިރޭޓަ ވެހިކްލަތަކުގެ އިތުރުން ހެވީލޯޑް އަދި އެއަށް ވުރެ ކުދި ވެހިކަލްތައް ވެސް ހިމެނެ އެވެ.

ވެމްކޯ އަށް ދިމާވެފައިވާ ވެހިކަލްތަކުގެ ދަތިކަމާ ހުރެ މި ވަގުތު އައްޑޫން ކުނި ނެގުމުގައި ހުރި ލަސްވުންތަކާ ހެދި އާންމުންގެ ޝަކުވާތައް ވެސް ގިނަ އެވެ. އެހެންވެ އެކަމަށް އަވަސް ހައްލެއް ހޯދަން ހެވީލޯޑް ތިން ވެހިކަލެއް ގެނެސް އެ އެއްޗެހި ބޭނުން ކުރަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޫސަ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތަރު ޓަނުގެ ދޭއްޗާއި ހަ ޓަނުގެ އެކައްޗެވެ.

"އަންނަ ހަފުތާ ތެރޭގައ އެއްޗެހި ބޭނުން ކުރަން ފެށިމަ މިހާރު ކުނި ނެގުމުގައި ހުރި މައްސަލަތައް ވެސް އެއްކޮށް ހައްލުވެހެން ދާނެ،" އޭނަ ވިދާޅުވި އެވެ. "މިހާރު ހުރި ވެހިކަލްތަކާ އެކީ ވެސް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ރައްޔިތުންނަށް ދަތިނުވާ ގޮތަށް މިކަން މެނޭޖް ކުރެވޭތީ."

ވެމްކޯ އިން ބުނި ގޮތުގައި މިހާރު ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ވެހިކަލްތައް މަދުވުމާއި ބޭނުންކުރާ ބައެއް ވެހިކަލްތައް ދުވަސްވެ ބާވުމާއި، އެކި ކަހަލަ މައްސަލަތައް ދިމާވެގެން މަރާމާތުކުރަން ގްރައުންޑް ކުރަން ޖެހުން ފަދަ ކަންކަން ހިމެނެ އެވެެ.

ވެމްކޯ އިން އައްޑޫގައި ކުނި ނެގުމުގެ ހިދުމަތް ދޭން ފެށީ 2014 ގަ އެވެ.