ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް މެންބަރުން ފުލުފުލުގައި ނިޒާމީ ނުކުތާ ޖަލްސާ ކުރިއަށް ނުގެންދެވުމުން މެދުކަނޑާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު މެންބަރުން ވަނީ ނިޒާމީ ނުކުތާނަންގަވާ މަޖިލީހުގެ ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އިންނެވި ސަބަބާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
މީގެއިތުރުން މަޖިލީހުގެ ނައިބު ރައިސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް އޮތް ސަބަބާ ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ.
ސަރުކާރަށް ތާއީދުކުރާ މެންބަރުން ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަގާ ރިޔާސަތާ ވަނީ ކޮމިޓީތައް ހުއްޓުވާފައި އޮތް ސަބަބާއި ނައިބުރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރާތީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައެއް މެންބަރުން މަޖިލީހުގައި އަޑުގަދަކޮށް އިތުރު މެންބަރުންނަށް ވާހަކަ ދެއްކުމަށް އުނދަގޫވުމުން މަޖިލިސް ވަނީ މެދުކަނޑާލާފައެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން ހުށަހެޅި ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވަނީ އިއްޔެއެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރަން ލާޒިމެވެ. އަދި މަޖިލިސް ގަވައިދުންވަނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށް ކަނޑައަޅާ ބަޔާން ކޮށްފައެވެ. އެހެންނަމަވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހަޅާފައި އޮތުމުން ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އެމަނިކުފާނު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ.