Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ސީޒަންގެ ސިންގަޅަ ފިލްމު އަންނަ މަހު

ރާއްޖޭގެ ފިލްމީ ތަރި އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ސިންގަޅަ ފިލްމު "ކައުޝި" އަންނަ މަހު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

މަސައްކަތް ނިންމާފައި އޮންނަތާ ހައެއް އަހަރުވެފައިވާ މި ފިލްމު އަންނަ މަހުގެ 19 ގައި ރާއްޖޭގައ ޕްރީމިއާކުރާނެ ކަމަށް ބުނެ ސީޒަންގެ އިންސްޓަގްރާމްގައި ފިލްމުގެ ޕޯސްޓަރެއް ވެސް ހިއްސާކޮށްފައިވެ އެވެ. މިދިޔަ މަހު އޮލިމްޕަހުގައި ޕްރީމިއާކުރި "ލޯބިވެވިއްޖެ" ގެ ޑައިރެކްޓަރު/އެކްޓަރުގެ "ކައުޝި" އަކީ ސްރީ ލަންކާގެ ތަރިން ހިމަނައިގެން އެ ގައުމުގައި ޝޫޓްކޮށްފައިވާ ލޯބީގެ ބިރުވެރި ފިލްމެކެވެ.

މި ފިލްމު ހަދާފައި ވަނީ ރާއްޖޭގެ މަޝްހޫރު މިއުޒިކީ ފަންނާނެއް ކަމަށްވާ އިބްރާހީމް ނިފާރު (ތިއްތި) ގެ ވާހަކައަކަށެވެ. "ކައުޝި" ކެމެރާކޮށްފައި ވަނީ އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ.

މި ފިލްމުގެ ލީޑް ތަރިންނަކީ ލަންކާގެ ތަރިންތަކެއް ހިމަނައިގެން ސީޒަން 2019 ގައި ގެނެސްދިން ކުރު ފިލްމު "ސޯލް" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލު އަމިލަ ކަރްނަނަޔަކަގެ އިތުރުން ބިޔަންކާ އަމަރްސިންގްގެ އިތުރުން ރަންޖިކާ ރާޖަޕަކްޝާ އެވެ.

"ކައުޝި" ރާއްޖޭގެ އޯޑިއަންސަށް ގެނެސްދޭން ހަމަޖެހިފައި ވަނީ ދިވެހި ބަހުން ޑަބްކޮށްގެންނެވެ. އަދި މި ފިލްމު ސީޒަން ސިފަކޮށްފައި ވަނީ "ދިވެހި ފިލްމެއް" ގެ ގޮތުގަ އެވެ.