މި އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރާ ބޮލީވުޑްގެ އެއް ފިލްމު ކަމަށްވާ ސަނީ ޑިއޯލްގެ "ގަދަރު 2" ގެ ޓީޒާ އާންމުންނަށް މިއަދު ދޫކޮށްލައިފި އެވެ.
އަންނަ އޮގަސްޓް މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ސަނީ އާއި އަމީޝާ ޕަޓޭލްއާ އެކީ ގެނެސްދިން ކާމިޔާބު ފިލްމު "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. އެ ފިލްމުގައި ދައްކުވައި ދިނީ އިންޑިއާ 1947 ގައި ބައިބައިވެގެން ދިޔަ އިރު، އެ ގައުމުގެ ފިރިހެނަކާއި ޕާކިސްތާނުގެ އަންހެނަކާ ދެމެދު އުފެދޭ ލޯތްބާއި އެ ލޯތްބާ އެކީ އެ މީހުންވާ ގުރުވާނީ އެވެ.
ޕްރީކްއެލް އިން ދައްކުވައި ދިން ހާދިސާތަކަށް ފަހު "ގަދަރު 2" ބިނާކޮށްފައި އޮތީ 1971 ގައި ލާހޯރްގައި ހިނގާ ހާދިސާތަކަށެވެ. ޓީޒާ އިން ފެންނަ ގޮތުގައި މި ފިލްމަކީ ކުރީގެ ފިލްމާ އެއްގޮތަށް ސަނީގެ ވަރަށް ވަރުގަދަ ރޯލެއް ފެންނާނެ އެއްޗެކެވެ.
މި ފަހަރު ވެސް ބަތަލާ އަކީ އަމީޝާ އެވެ. އަދި ފުރަތަމަ ބައިގައި އެ މީހުންނަށް ދަރިއަކު ވެސް ލިބިފައިވާތީ، އެ ދަރިފުޅުގެ ހަޔާތް ނިއުޅިގެންދާ ގޮތް ވެސް އާ ފިލްމުން ފެންނާނެ އެވެ. އެ ރޯލު ދެ ފިލްމުގައި ވެސް ކުޅެފައި ވަނީ ޑައިރެކްޓަރު އަނިލްގެ ދަރިފުޅު އުތުކާޝް ޝަރުމާ އެވެ.
"ގަދަރު 2" ގެ އިތުރު ކާސްޓުންގެ ތެރޭގައި ސިމްރަތު ކޯރް، ލަވް ސިންހާ، ގޯރަވް ޗޯޕްޅާ، މަނީޝް ވަދްވާ އަދި މީރް ސަރްވަރް ހިމެނެ އެވެ.