ޅ. ހިންނަވަރު އަދި މާއުނގޫދޫ ބަނދަރު މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.
އެގޮތުން ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 90 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އެގޮތުން ހާބަރ ފުންކުރުމާއި ޝީޓް ޕައިލިނގް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ ޕެނެލް ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެއިތުރުން ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ 98 އިންސައްތަ ފުރިހަމަކުރެވިފައިވެއެވެ. އަދި އެއްގަމު ތޮށީގެ ކޮންކްރީޓް ކެޕިންގް މަސައްކަތް 27 އިންސައްތަ ނިމިފައިވާ ކަމަށާއި އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު 41 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 56.33 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.