ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފެށުމުން ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ސޮއިކުރެވުނު އެއްބަަސްވުންތަކަށްފަހު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވީ ސީޝެލްސްގެ ރައީސްގެ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އިތުރުވެގެންދާ ތާރީހީ އާ ކުރިއެރުމެއް ކަމަށެވެ. ދިވެހިރާއްޖެއާއި ސީޝެލްސްއަކީ، ދުރު އަވަށްޓެރި ދެ ޤައުމު ކަމުގައިވީނަމަވެސް ދެ ޤައުމުގެ ދެމެދުގައި ހުރި ތަފާތުތަކަށްވުރެ އެއްގޮތް ކަންކަން ގިނަ ކަމަށްވެސް ވިދާޅުވިއެވެ. ތަރައްޤީގެ މަގުގައި ދެ ޤައުމުގެ ތަޖުރިބާއާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ދެ ޤައުމުގައިވެސް ހައްސާސް މައްސަލަތަކަށް ހައްލު ހޯދުމުގައި މިހާރަށްވުރެ ބޮޑަށް ދެ ޤައުމުން ގުޅިގެން، އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދޭންވާނެ ކަމަށް ދެކޭކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
ދެގައުމުގެ ދެމެދުގައި މިއަދު ކުރިއަށްގެންދިޔަ މަޝްވަރާތަކަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި މަޝްވަރާތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި، ދެ ޤައުމުން ކުރާ އެންމެހައި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮކޮށްހިތުމުގެ ރޫހު އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު ޚިޔާލުތައް ބަދަލުކުރެވުނު ކަމަށެވެ.
ދެގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވުމެއްގައި ސޮއި ކުރެވުމުން ދިވެހިންނާއި ސީޝެލްސްގެ ރައްޔިތުންނާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ފުޅާވެ، ދެ ޤައުމުގެ ދެމެދުގައި ހިނގާ މުއާމަލާތްތައް އިތުރުކުރުމަށް ފަހިވެގެންދާނެ ކަމަށެވެ. ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފެށުމާ ގުޅޭ އެއްބަސްވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މި ކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"މިގޮތުން، ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިގެން ދިޔުމަކީ، އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެއް. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި ހިނގާ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.
ދެގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި ޕްރޮޓޮކޯލް އޮން ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް އެންޑް އަދަރ މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ ތްރެޓްސްއަކީ، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަސައްކަތް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.