ރައްޔިތުންގެ މަޖިލިސް މިހާރު ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނެވޭނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންގޮސްގެން ކަމަށް އިދިކޮޅު މެންބަރުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ގަވައިދު އޮތީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެެއްފަހަރާ ހުށަހަޅައިގެން ކުރިއަށްގެންދެވޭ ގޮތަށް ނޫންކަމަށެވެ. މަޖިލީހުގެ މަސައްކަތްތައް ކުރެވެން މިހާރުވެސް އޮތް ގޮތަކީ ކޮންމެވެސް އެއް ބޭފުޅަކަށް ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ދެއްވުންކަމަށް ވިދާޅުވިއެވެ.
އަލީ އާޒިމްގެ އެ ވާހަކައަށް ބާރުދެއްވާ ވާހަކަ ދައްކަވަމުން މެންބަރު އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދުވެސް އެ ހިޔާލު އެގޮތަށް ދެއްވާފައިވާ ކަމަށެވެ. އެގޮތުން ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް ނެގުމަށްފަހު އަނެއްމައްސަލަ ކުރިއަށް ގެންދިއުމަށް ފުރުސަތު އޮތްކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް އޮތުމުން އެކަމުގެ ކަންބޮޑުވުން މިއަދުގެ ޖަލްސާގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ފާޅުކޮށްފައެވެ. އަދި ކޮމިޓީތައް ހުއްޓިފައި އޮންނަ މައްސަލައިގައިވެސް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.